ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރުމަށް، ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާކުރި ޖުޑީޝަރީ ކޮމެޓީގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް، މަޖިލިސް ތަޅުމުގައި މިއަދު ނެގި ވޯޓުގައި އެ ބިލު ފާސް ކުރުމަށް ހުރާ ދާއިރާގެ ޕީއެންސީގެ މެންބަރު އަނާރާ ނައީމު ދެއްވައިފިއެވެ.

އެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. އެ ބިލަކީ އިއްޔެ މަޖިލީހަށް ބަލައިގަނެ، އިއްޔެ ކޮމެޓީ ބޭއްވުމަށްފަހު ކޮމެޓީން ފާސްކޮށްފައިވާ ބިލެކެވެ.

އިއްޔެ ކޮމެޓީ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވަނީ ބިލުގައިވާ މާއްދާތައް ވަކިވަކިން ކޮމެޓީ އަށް އިއްވަވާ ވަކިވަކިން ވޯޓަށް އައްސަވައިފައެވެ. އަދި އިސްލާހު ހުށަހަޅުއްވަން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތުވެސް އޭނާ ހުޅުވާލިއެވެ.

އެމްޑީޕީގެ ފަރާތުން ބިލުގައިވާ ބައެއް މާއްދާތަކަށް އިސްލާހުތަކެއް ހުށަހެޅިއެވެ. ނަމަވެސް އެޕާޓީގެ މެންބަރުން ހުށަހެޅުއްވި އެއްވެސް އިސްލާހެއް ފާހެއް ނުވިއެވެ. ކޮމެޓީގައި އިންނެވި ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމު ވެސް ބައެއް މާއްދާތައް ފާސް ކުރުމަށް ވަކި ކޮޅަކަށް ވޯޓު ދެއްވާފައި ނުވެއެވެ. އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ބިލު ފާސް ކުރުމަށް އަނާރާ ވޯޓެއް ނުދެއްވައެވެ.

އެކަމަކު މިއަދުގެ މަޖިލިސް ޖަލްސާގައި ބިލު ފާސް ކުރުމަށް ނެގި ވޯޓުގައި އޭނާ ވޯޓު ދެއްވިއެވެ. މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސް ކުރަން ވޯޓު ދެއްވީ ހަމައެކަނި ޕީއެންސީގެ މެންބަރުންނެވެ.

ބިލު ފާސްކުރުމަށް ޖަލްސާ އަށް ހާޒިރުވެވަޑައިގަތުމަށްފަހު ވެސް ހިތަދޫ މެދުދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން ވޯޓެއް ނުދެއްވައެވެ.