ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކުން، ފަހަކަށް ބަދަލު ކުރުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކޮށްފިއެވެ.
އެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. އެ ބިލަކީ އިއްޔެ މަޖިލީހަށް ބަލައިގަނެ، އިއްޔެ ކޮމެޓީ ބޭއްވުމަށްފަހު ކޮމެޓީން ފާސްކޮށްފައިވާ ބިލެކެވެ.
އިއްޔެ ކޮމެޓީ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވަނީ ބިލުގައިވާ މާއްދާތައް ވަކިވަކިން ކޮމެޓީ އަށް އިއްވަވާ ވަކިވަކިން ވޯޓަށް އައްސަވައިފައެވެ. އަދި އިސްލާހު ހުށަހަޅުއްވަން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތުވެސް އޭނާ ހުޅުވާލިއެވެ.
އެމްޑީޕީގެ ފަރާތުން ބިލުގައިވާ ބައެއް މާއްދާތަކަށް އިސްލާހުތަކެއް ހުށަހެޅިއެވެ. ނަމަވެސް އެޕާޓީގެ މެންބަރުން ހުށަހެޅުއްވި އެއްވެސް އިސްލާހެއް ފާހެއް ނުވިއެވެ. ކޮމެޓީގައި އިންނެވި ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމު ވެސް ބައެއް މާއްދާތައް ފާސް ކުރުމަށް ވަކި ކޮޅަކަށް ވޯޓު ދެއްވާފައި ނުވެއެވެ.
ކޮމެޓީން މުޅި ބިލު ފާސް ކުރުމަށް ވޯޓަށް އެހުމުން ހަތް މެންބަރުންގެ ވޯޓުން ބިލު ފާސް ކުރިއެވެ. އަދި ބިލު ފާސް ކުރުމާއި ދެކޮޅަށް ދެ މެންބަރުން ވޯޓު ދެއްވިއެވެ.
މިހާރު ހަތް ފަނޑިޔާރުން ތިއްބަވާ ބެންޗު ބަދަލުކުރަން ހުށަހަޅާ ސަބަބެއް ކަމަށް ބިލުގައި ވަނީ ކުރިއެކޭ އެއްގޮތަށް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ފެންނާތީ ކަމަށެވެ.
ކުރިން ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗު އެންމެ ފުރަތަމަ ބަދަލުކުރީ ޕީޕީއެމްގެ ވެރިކަމުގައެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 2014ވަނަ އަހަރު ބެންޗުގެ އަދަދު 5 އަށް ބަދަލުކުރީ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކި ކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކަށް އަނެއްކާވެސް ބަދަލުކުރީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެގޮތަށް ބަދަލު ކުރުމަށް އޭރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ބަދަލު ކުރެއްވިއެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ބަދަލު ކުރަން އިސްލާހު ހުށަހަޅާފައި މިވަނީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ.