ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗްގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކުރީގެ ރައީސް ޔާމީންގެ ވެރިކަމަށް ކިރިޔާ އެއް އަހަރު ފުރުނުތަނާ 2014 ވަނަ އަހަރު ނިންމީ ކީއްވެގެންކަން ނޭނގޭ މީހަކު ނެތެވެ. އޭރު ޕީޕީއެމް ޓާގެޓަކީ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި އޭރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރުމެވެ.
އެކަން ޕީޕީއެމްގެ ސަރުކާރަށް ހާސިލްވުމާއެކު, އޭރު ސުޕްރީމް ކޯޓުގެ ތެރެއިން ކަންކަން ހިނގައިދިޔަ ގޮތަށް އިތުރު ތައުރީފެއް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބެންޗްގެ އަދަދު އަލުން 7 އަށް ބަދަލުކޮށް އާ ފަނޑިޔާރުން އައްޔަން ކުރިފަހުން އެ ކޯޓަށް އޮތް އާންމުންގެ އިތުބާރު ބޮޑެވެ.
މިއަދާ ހަމައަށް އެ އިތުބާރު ގެއްލޭ ފަދަ ކަމެއް ނުފެނެއެވެ. ނަމަވެސް މި ސަރުކާރަށް އެއް އަހަރު ފުރުނުތަނާހެން ކުއްލިއަށް ސުޕްރީމް ކޯޓުގެ ބެންޗްގެ އަދަދު 5 އަށް ދަށްކުރަން ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެމްބަރަކު ހުށަހެޅުއްވުމުން, އެ ކޯޓަށް ނުފޫޒު ފޯރުވުމުގެ ބިރުވެރިކަން މިވަނީ ބޮޑެވެ. އަދި މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް މިފަދަ ބިލެއް ހުށަހެޅުމުން ސަރުކާރުން އެ މައްސަލައަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީންނާއި ގިނަ ފަރާތްތަކަކުން ތުހުމަތު ކުރެއެވެ.
"ދުސްތޫރީ މައްސަލަ ހުށަހެޅުމާއެކު އެ ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި, ފިޔަވަޅު އަޅައި, ވަކިކުރާނެ ކަމުގެ އިންޒާރު ދިނުމަށްފަހު މިހާރު އެ މަސައްކަތް ކުރައްވަނީ ފަނޑިޔާރުން މަދު ކުރުމަށް. ސަރުކާރުގެ އަމަލުތައް ހުރީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމާ ހަމައަށް ކަންކަން ގެންދިއުމަށް." ޕީޕީއެމްގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކުރަން ސުޕްރީމް ކޯޓަށް ސިފައިން ފޮނުވި ހާދިސާއިން މިސާލު ނަންގަވައި, އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރަން ސަރުކާރުން ނޫޅޭ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެފައި އޮއްވާ މިފަދަ ބިލެއް ކުއްލި ގޮތަށް އައުމާއި ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނުބެލޭނެ ކަމަށް ބުނެ ސަރުކާރުން ވަކާލާތު ކުރި ކުރުމާއި މި ހުރިހާ ކަންކަމަކީ އިއްތިފާގެއް ކަމަކަށް ގަބޫލުކުރަން ގިނަ ބަޔަކަށް އުނދަގުލެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަ ބަލަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައި އޮއްވާ ޖުޑީޝަލް ސާވިސް ކޮމިޝަންގައި އިންނަވާ ރައީސްގެ މެމްބަރު އިއްޔެ ކުއްލި ގޮތަކަށް ވަކި ކުރެއްވުމާއި އާ ބޭފުޅަކު އެ މަގާމަށް އިއްޔެ ވަނީ ވަގުތުން އައްޔަން ކުރައްވައިފައެވެ.
މިކަންކަން ހިނގައިދާ ގޮތުން ސީދާ ވަކި ކަމަކަށް އަމާޒުކޮށްގެން ކުރާ ކަމެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.
މެމްބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ މިއީ ކޯޓަށް ސީދާ ސަރުކާރުން އަތް ބޭނުން ކަމަށެވެ.
"އެ މައްސަލަ ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް ބަދަލުކުރުމަށް ބިލެއް ހުށަހެޅުމަކީ ސީދާ ގޮތުން ސަރުކާރުން ފަނޑިޔާރުގެއަށް އަތް ބޭނުން." އަލީ ހުސެއިން ކުރެއްވި ޕޯސްޓެއްގައިވެ އެވެ.
ސުޕްރީމް ކޯޓުގައި ހިނގަމުންދާ މަޖިލިސް މެމްބަރުންގެ ގޮނޑީގެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ސަރުކާރުގެ ވިސްނުމާ އެއްކޮޅަށް ވާހަކަ ދައްކަވަމުން އައި އެއް ބޭފުޅަކީ ޑިމޮކްރަޓްސް ޕާޓީގެ ރައީސް އިމްތިޔާޒް ފަހުމީ (އިންތި) އެވެ. ނަމަވެސް އެ މައްސަލަ ނުނިމެނީސް ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެންނަން ހުށަހެޅި އިސްލާހާ އޭނާ ވެސް ދެކޮޅެވެ.
އޭނާ މިކަން ސިފަ ކުރެއްވީ ކޯޓުތަކުގެ ކޮންޓްރޯލް ނެގުމަށް ސިޔާސީ މީހުން ބޭނުންކުރާ އުކުޅެއްގެ ގޮތުގަ އެވެ.
"މިހާރު މި އޮތް ސުޕްރީމް ކޯޓާ މެދު މިގޮތަށް އަމަލުކޮށް ބެންޗް ބަދަލުކުރަން ޖެހޭ ވަރެއްގައެއް ނޫން ކޯޓް އޮތީ. މިކަން މިގޮތަށް ނުކުރުމަށް ސަރުކާރަށް ގޮވާލަން." އިންތި ރޭ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ޕީޕީއެމާއި ޕީއެންސީގެ ކޮންމެ ވެރިކަމަކަށް އެއް އަހަރު ފުރޭއިރު ސުޕްރީމް ކޯޓުގެ ބެންޗްގެ އަދަދު ދަށްކުރަން ކުރާ މަސައްކަތަކީ އިއްތިފާގެއް ކަމަށް ގަބޫލުކުރަން ދައްޗެވެ. ބޮޑު ހައްސާސް މައްސަލައެއް ހިނގަނިކޮށް އެންމެ މަތީ ކޯޓުގެ ބެންޗާ ކުޅެން މަސައްކަތް ފެށުމަކީ ޝަރުއީ ނިޒާމަށް އަތް ނުބާނާނެ ކަމަށް ބުނި މި ސަރުކާރުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމެކެވެ.