ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމަށް ކަނޑައަޅަައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަށް މީގެކުރިން ތަދައްހުލުވުމަށް ފަހު އެ މައްސަލައިން ބޭރުވި ޑިމޮކްރެޓްސްގެ ލީޑާޝިޕުގެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވެއްޖެއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިންއެވެ. އެ މައްސަލަ އަށް އިދިކޮޅު އެމްޑީޕީން ވެސް ތަދައްހުލުވިއެވެ. އަދި ދަ ޑިމޮކްރެޓްސް އިން ވެސް އެ މައްސަލައިގެ ތެރެއަށް ތަދައްހުލުވިއެވެ. ނަމަވެސް މިހާރު އެޕާޓީން ވަނީ އެ މައްސަލަ އިން ބޭރުވެފައެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ފެށި ދުވަހު ޑިމޮކްރެޓްސްގެ މިހާރުގެ ރައީސް އިމްތިޔާޒު ފަހުމީ ވަނީ ނުސީދާކޮށް، އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ވިދާޅުވެފައެވެ. މިސާލަކަށް ދެއްކެވީ އެމެރިކާއެވެ.

އިންތި ވިދާޅުވީ އެމެރިކާގެ ގާނޫނުއަސާސީއަށް ކުރިން ގެނައި އިސްލާހެއް މަޖިލީހުން އަމިއްލައަށް އުވާލަންދެން ދެމިއޮތް ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް އެފަދަ މައްސަލަ ނުބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާނައަކީ ގާނޫނު އަސާސީ އިސްލާހު ކުރުމާއި އިސްލާހު އުވާލުމަކީ ހަމައެކަނި ރައްޔިތުން ބައިވެރިވާ ގާނޫނު ހަދާ މަޖިލީހަކަށް އެކަނި އޮތް ބާރެކޭ." އިންތި އެކްސްގައި މީގެކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އަނެއްކާވެސް އިއްޔެ އިންތި ވަނީ އެ މައްސަލާގައި އޭނާ ދައްކަވާ ވާހަކަފުޅު ދިފާއު ކުރައްވައިފައެވެ. ވިދާޅުވީ ގާނޫނު ހަދާ ބާރު ނުވަތަ މަޖިލީހުން ހަދާ ގޯހެއް ރަނގަޅު ކުރުމަށް ސީދާ ރައްޔިތުންނަށް، ދައުރުން ދައުރަަށް ނުވަތަ އެކި ފަހަރުމަތިން ފުރުސަތުލިބިދޭ ކަމަށެވެ.

"ސްޕްރީމް ކޯޓަކުން ހަދާ ގޯހެއް ރަނގަޅު ކުރުމަށް އެގޮތަށް ފުރުސަތު ނުލިބި، ދާއިމީ ގޯހެއް (ޕްރެސިޑެންޓެއް) ގާއިމުވޭ،" އިންތި ވިދާޅުވިއެވެ.

ނަމަވެސް އިންތިގެ އެ ވާހަކައަށް މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)ގެ ހިޔާލު މުޅިން ތަފާތެވެ.

"ގާނޫނު އަސާސީގެ 5 ވަނަ މާއްދާއިން މަޖިލިހަށް މަތި ކޮށްފައި އޮތީ ގާނޫނު ހަދަން ، "ގާނޫނު އަސާސީ ހަދާށެކޭ" ބުނެފައެއްނެތް. ގާނޫނު އަސާސީ އާއި ހިލާފު ނުވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނެވިދާނެ، ނަމަވެސް ގާނޫނު އަސާސީ ބަދަލެއް ނުކުރެވޭނެއެވެ،" ބޮންޑޭ ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ 20ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީ މިހާރު ބަދަލު ކޮށްފައިވާ ކަމަށެވެ. ގާނޫނު އަސާސީ ބަދަލު ކުރެވޭނެ ކަމަށް ބުނެފައި އޮތީ ސީދާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރައްޔިތުންނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި މައްސަލައިގައި ސްޕްރީމު ކޯޓުން ނިންމާނެ ގޮތެއް ކަމަށް ބެލެވެނީ ގާނޫނު އަސާސީ ގެނެވިފައި ވަނީ ބަދަލެއް ކަމަށް ބަލާފައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް،" ބޮންޑޭ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި ދައުލަތުން ބުނަމުން ދަނީ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓަށް ބެލޭނީ ގާނޫނެއް ނުވަތަ ގަވާއިދުތަކުގެ މައްސަލަތައް ކަމަށްވާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ވަކީލާ ވިދާޅުވި އެވެ. އަދި އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖްރާއީ އިއުތިރާޒެއް ސުޕްރީމް ކޯޓުގައި ދައުލަތުން ނެގި އެވެ.

އެކަމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން އިއްޔެ ނިންމެވީ އެ މައްސަލަ މިވަގުތު ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މައްސަލަ ނިންމުމުގައި, ދައުލަތުގެ އިއުތިރާޒާ މެދު ގޮތެއް ނިންމަވާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.