ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމަށް ކަނޑައަޅަައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ބައެއް ފަރާތްތަކުގެ މެދުގައި އެ މައްސަލަ އަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެފައި ވަނިކޮށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިންއެވެ. އެ މައްސަލަ އަށް އިދިކޮޅު އެމްޑީޕީން ވެސް ތަދައްހުލުވިއެވެ. އަދި ދަ ޑިމޮކްރެޓްސް އިން ވެސް އެ މައްސަލައިގެ ތެރެއަށް ތަދައްހުލުވިއެވެ.

ނަޝީދުވެސް އެޕާޓީއެއްގެ މެންބަރުކަމުގައި ހުރި ޑިމޮކްރެޓުން މިހާރު ވަނީ، އެ މައްސަލައިން ބޭރުވެފައެވެ.

https://x.com/mohamednasheed/status/1892195986400743490

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީގެ ނަޒަރުގައި ގާނޫނުއަސާސީ ބަދަލުކުރާ ނަމަ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީ ބަދަލު ކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް ކަމަށްވެސް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ އެފަދަ މައްސަލައެއް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ. އިންތި ވިދާޅުވީ އެމެރިކާގެ ގާނޫނުއަސާސީއަށް ކުރިން ގެނައި އިސްލާހެއް މަޖިލީހުން އަމިއްލައަށް އުވާލަންދެން ދެމިއޮތް ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް އެފަދަ މައްސަލަ ނުބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާނައަކީ ގާނޫނު އަސާސީ އިސްލާހު ކުރުމާއި އިސްލާހު އުވާލުމަކީ ހަމައެކަނި ރައްޔިތުން ބައިވެރިވާ ގާނޫނު ހަދާ މަޖިލީހަކަށް އެކަނި އޮތް ބާރެކޭ." އިންތި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި ދައުލަތުން ބުނަމުން ދަނީ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓަށް ބެލޭނީ ގާނޫނެއް ނުވަތަ ގަވާއިދުތަކުގެ މައްސަލަތައް ކަމަށްވާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ވަކީލާ ވިދާޅުވި އެވެ. އަދި އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖްރާއީ އިއުތިރާޒެއް ސުޕްރީމް ކޯޓުގައި ދައުލަތުން ނެގި އެވެ.

އެކަމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން އިއްޔެ ނިންމެވީ އެ މައްސަލަ މިވަގުތު ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މައްސަލަ ނިންމުމުގައި, ދައުލަތުގެ އިއުތިރާޒާ މެދު ގޮތެއް ނިންމަވާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.