ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން ހުޅުމާލެ މަސްޖިދުއް ޝައިޚް ގާސިމް ބިން އަލްޘާނީ (ގުއްބު މިސްކިތް) އޭސީ ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އޭސީ ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލެއްވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އާއި ހުޅުމާލެ ކައުންސިލަރު އަލީ އައިމަން ވަނީ މިއަދު ގުއްބު މިސްކިތައް ޒިޔާރަތް ކުރައްވާފައެވެ.
މާލެ ސިޓީގެ މޭޔަރު އާޒިމްގެ އެދިލެއްވުމަށް އޫރީދޫގެ ސީއެސްއާރު ގެ ދަށުން "ގަތަރު ޗެރިޓީ" އާއި ގުޅިގެން ކުރިޔަށްދާ އެ މަސައްކަތުގެ ތެރެއިން ހުޅުމާލެ ގުއްބު މިސްކިތުގައި ހަރުކުރަމުން އަންނަ އޭސީ ތަކަކީ 1.2 މިލިއަން ބީ.ޓީ.ޔޫގެ ފިނިކުރާ ނިޒާމެކެވެ. މިއީ އެކަށީގެންވާ މިންވަރަށް މިސްކިތުގައި ފިނިއުފައްދާ ޒަމާނީ އެންމެ ފަހުގެ ސިސްޓަމްތަކެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން ވެސް މިސްކިތުގައި ކުލަ ލުމާއި މިސްކިތުގެ ހުރިހާ ދޮރުތަކެއް ރީތި ކުރުމުގެ އިތުރުން މިސްކިތުގައި އިތުރު ފާހާނާ ބަރިއެއް ހެދުމުގެ މަސައްކަތް ވެސް އެ ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ.
ރަމަޟާން މަސް އައުމުގެ ކުރިން އެ މިސްކިތުގެ މަސައްކަތްތައް ނިމޭނެ ކަމަށާއި، މިސްކިތުގެ ރީތި ކަމާއި ފުރިހަމަކަން އިހަށް ވުރެ ބޮޑަށް ފެނިގެން ދާނެ ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެ މިސްކިތަކީ ހުޅުމާލެގައި އެންމެ ފުރަތަމަ ޢިމާރާތް ކުރެވުނު މިސްކިތް ތަކުގެ ތެރެއިން އެއް މިސްކިތެކެވެ.