ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތައް ދަށަށްދާ ކަމާމެދު ޝައްކެއް ނެތް ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރުންނާ ބޭނުން ސުވާލެއް ކުރުމަށް ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިޔަށް ގެންދާ "އަހާ" ފޯރަމްގައި އާއްމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތާރިގް ވިދާޅުވީ، ބޭރު ފައިސާ މާރު ކުރުމާއި ގުޅޭ ގަވާއިދުގެ ދަށުން، ބޭންކުތަކަށް ރިސޯޓުތަކުން ޑޮލަރު މާރުކުރަން ފެށި ހިސާބުން ޑޮލަރުގެ ކަޅު ބާޒާރަށް އެކަމުން އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

"މިހާރު ބްލެކް މާކެޓުގައި ޑޮލަރު ހުރި އަގުތައް ދަށަށްދާކަން އެއީ ޝައްކެއް ވެސް ނެތް އެއީ ހަމަ އަޅުގަނޑުމެން ހުރިހާ އެންމެންނަށް ވެސް އެނގޭ ކަމެއް،" މިނިސްޓަރު ތާރިގް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓުތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށި ހިސާބުން ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. ކުރިޔަށް އޮތްތަނުގައި ވިޔަފާރިތަކަށް ވެސް އެކަމުގެ ހެޔޮ ބަދަލުތައް އަންނަމުން ދާތަން ފެންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބޭރު ފައިސާ މާރު ކުރުމާއި ގުޅޭ ގަވާއިދުގެ ދަށުން، ބޭންކުތަކަށް ރިސޯޓުތަކުން މިދިޔަ މަހު 50 މިލިއަން ޑޮލަރަށްވުރެ އިތުރަށް މާރު ކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފައިވެއެވެ.

އެ އިދާރާ އިން ބުނީ އެ މުއްދަތުގައި، ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން 90 ޕަސެންޓު ރިޒޯޓުތަކުން އެ ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާ ކަމަށެވެ.