ކުރިޔަށް އޮތް ރަމަޟާން މަހާއި ދިމާކޮށް އެއްވެސް ވިޔަފާރިއަކުން ރައްޔިތުންނަށް ވިއްކާ އަސާސީ ކާބޯތަކެތީގެ އަގު ބޮޑު ނުކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިލްތިމާސް ކުރައްވައިފިއެވެ.

ވަޒީރުންނާ ބޭނުން ސުވާލެއް ކުރުމަށް ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިޔަށް ގެންދާ "އަހާ" ފޯރަމްގައި ރޯދަމަހާ ދިމާކޮށް ކާބޯތަކެތީގެ އަގުތައް ބޮޑުވާ މައްސަލާގައި އާއްމު ފަރާތަކުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އަސާސީ ކާބޯތަކެތީގެ އަގުތައް މޮނީޓާ ކުރަމުން އަންނާނެ ކަމަށެވެ. އެހެން އަހަރުތަކުގެ ތަޖުރިބާތަކަށް ބެލުމަށްފަހު މިއަހަރުގެ ރަމަޟާން މަހަށް ހާއްސަ ތައްޔާރީތަކެއް ވެފައި ވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަސާސީ ކާބޯތަކެތީގެ އަގުތައް ހެޔޮ ކުރުމަށް ވިޔަފާރިވެރިންނަށް ހުރަސްތަކެއް ހުރި ނަމަ، ސަރުކާރާ ވާހަކަދައްކައިގެން ކަންކަން ހައްލު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކާބޯތަކެތީގެ އަގުތަކާއި ގުޅޭ ސިޔާސަތެއް އެކުލަވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންނެވުމުން އެ ސިޔާސަތު މިހާރު އެކުލަވާލާފައި ވާނެ ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އެ ސިޔާސަތުގައި އާއްމު ގޭބިސީއަކުން ބޭނުންކުރާނެ އަސާސީ ހުރިހާ މުދަލެއްގެ އިތުރުން ގޭބިސީތަކުގައި ބޭނުންކުރާ އާއްމު އެހެން ބާވަތްތައް ދެނެގަނެ އެތަކެއްޗާއި މެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅާފައި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސަތޭކަ އަށްޑިހަ ތިން އައިޓަމްގެ މައްޗަށް ހިމެނޭ ލިސްޓެއް އެއީ. އޭގެތެރެއިން 54 ބާވަތް ރަމަޟާން މަހަށް ހާއްސަކޮށް އަޅުގަނޑުމެން އިންނާނެ ކްރިޓިކަލް އައިޓަމްސްގެ ގޮތުގައި ކަނޑައަޅާފައި. އެކަމުގެ ފަންނީ ބޭފުޅުން ތިއްބަވައިގެން. އެއީ އެސްޓީއޯ އާއި އިކޮނޮމިކް މިނިސްޓްރީގެ ފަންނީ ބޭނުން އޭގެތެރޭގައި އިގްތިސޯދީ ބޭފުޅުން އަދި ވިޔަފާރިއާ ބެހޭ ތަޖުރިބާކާރުން ތިއްބަވާނެ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އެ ލިސްޓުގައި ހިމެނޭ އެއްވެސް ބާވަތެއްގެ އަގު ބާޒާރުގައި މައްޗަށްދާ ނަމަ އެކަމެއް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އާއްމު ގޭބިސީއަކަށް ވައްދާ އަސާސީ ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އަދި އެފަދަ މުދާތަކުގެ އަގުތައް ބޮޑުވެގެން ދިއުމަކީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.

ކުރިޔަށް އޮތް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން މިހާރުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދާދިފަހުން ބާޒާރުގައި ކާށީގެ އަގުތައް މަތިވުމުން އެ ކުންފުނިން މިހާރު ރާއްޖެއަށް ކާށީގެ ޝިޕްމަންޓެއް ގެނެސް ކާށި ވިއްކަން ވަނީ ފަށައިފައެވެ. އަދި ރޯދަމަހަށް ހާއްސަކޮށް ފިޔާވެސް ގެނެސް ބާޒާރުގައި މިހާރު ލިބެންހުރި ފިޔާގެ އަގަށްވުރެ ހެޔޮކޮށް އެކުންފުނިން އަންނަނީ ވިއްކަމުންނެވެ.

ސައީދު ވިދާޅުވީ އެއް ގައުމުން އެތަކެތި ނުލިބޭ ނަމަ އެހެން ގައުމަކުން ވެސް އަސާސީ ކާބޯތަކެތި ގެންނާނެ ކަމަށެވެ. ކަނޑުމަގުން ގެންނަން ދަތިނަމަ ވައިގެ މަގުން ގެނެސްގެން ނަމަވެސް ރައްޔިތުންނަށް ހެޔޮ އަގުގައި އަސާސީ ކާބޯތަކެތި ވިއްކާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.