ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ކުރިޔަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބާޒާރަށް ކާށި ނެރެފިއެވެ.

އެކުންފުނިން މިއަދު ބުނީ މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯ އިން ވަނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ތައްޔާރުވެފައިވާ ކަމަށެވެ. މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ހާއްސަ ސަމާލުކަމެއް ދީގެން ވަނީ އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރޭވިފައިވާ ކަމަށް ވެސް ބުންޏެވެ.

އެގޮތުން މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެއެވެ. މިވަގުތު މާކެޓްގައި ކާށީގެ އަގު ހުރީ 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައެވެ.

އެސްޓީއޯ އިން އެތެރެކުރި ފުރަތަމަ ބެޗްގެ ކާށި މިހާރު ވަނީ އިންޑިއާއިން ރާއްޖެއަށް ގެނެވިފައެވެ. އެ ކާށި މާދަމާ އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ވިއްކަން ފަށާނެއެވެ.

އެސްޓީއޯ އިން މިފަހަރު ކާށި ވިއްކުމަށް ކަނޑައަޅާފައިވާ އަގަކީ ފަސް ރުފިޔާއެވެ. އަދި މީގެއިތުރުން އެސްޓީއޯ އިން ގެނައި ލުނބޯވެސް ހޮނިހިރު ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ގަންނަން ލިބެން ހުންނާނެއެވެ.

މިވަގުތު އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އޭގެތެރޭގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ވިއްކާ ފިޔާ، ބިސް އަލުވި، ކާއްޓާއި ކަދުރު ހިމެނެއެވެ.

ތާޒާ ތަރުކާރީ އަދި މޭވާގެ ބާވަތްތަކުގެ ތެރޭގައި ލޮނުމެދާއި އިނގުރާއި ލުނބޯ އަދި ކެރެޓާއި އޮރެންޖާއި ކެބެޖާއި މިރުހާއި ފޭރާއި ކަރާގެ އިތުރުން އަނބާއި ޕެޝަންފުރުޓް އަދި ކިއުކަންބާ ހިމެނެއެވެ.

ޕްރޮސެސްޑް ކާނާ އަކީ ވެސް އެސްޓީއޯ އިން ބަހާލާފައިވާ ހަތަރު ކެޓަގަރީގައި ހިމެނޭ ބައެކެވެ. މީގެތެރޭގައި ނެސްލޭ ކުރީމާއި، ކޮކޯ ޕައުޑަރާއި ބޭކެޓް ބީންސާއި ގެރިކިރު ދަޅު ހިމެނެއެވެ. ކެއްކުމަށް ބޭނުންކުރާތަކެތީގެ ތެރޭގައި ސަންފްލާވަރ އޮއިލާއި ވެޖިޓަބަލް އޮއިލްގެ އިތުރުން ބާސްމަތި ހަނޑޫ ހިމެނެއެވެ.