ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ 25 އަހަރަށް ޖަލަށްލާން 2011 ގައި އޭރުގެ ޖިނާއީ ކޯޓުން ހުކުމްކުރީ ޖޫން، 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ އޭނާ މަރާލިކަން ނަޒާހާގެ އިއުތިރާފުން ސާބިތުވުމުންނެވެ. ނަޒާހާ ބުނާގޮތުގައި ޝާހިދު މަރާލީ އޭނާގެ ފަރާތުން ލިބިފައިވާ އަނިޔާތަކުގެ ސަބަބުންނެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމުގައިވަނީ ނަޒާހާ އުމުރަށް ޖަލަށްލާން ކުރި ހުކުމް ރަނގަޅު ކަމަށެވެ. އަދި ނަޒާހާ އެ ހަމަލާދިނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ނުބެލެވޭ ކަމަށާއި އަދި އޭނާގެ ނަފްސާނީ މައްސަލައެއް ހުރިކަން އެނގޭނެ ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދުގެ އަގުލަބިއްޔަތުން އެގޮތަށް ނިންމި ނަމަވެސް, ފަނޑިޔާރު އައިޝާ ޝުޖޫނާއި ފަނޑިޔާރު މުހައްމަދު އިބްރާހިމް ނިންމެވީ ނަޒާހާގެ ކިބައިގައި ޝާހިިދު މެރުމުގެ ގަސްދެއް ނެތް ކަމަށެވެ.
އެ ދެ ފަނޑިޔާރުންގެ ރައުޔަކީ ގަސްދުގައި މީހަކު މެރިކަމުގެ އަދަބު ނުދެވުނު ނަމަވެސް ފަރުވާ ކުޑަ އަމަލަކުން މީހަކު މެރުމުގެ އަދަބު ނަޒާހާއަށް ދޭންޖެހޭނެ ކަމަށެވެ.
ޖިމް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ނަޒާހާ މީގެ ކުރިން ކޯޓުގައި ބުނެފައިވަނީ ޝާހިދު މަރާލީ ގެވެށި އަނިޔާއިން ސަލާމަތްވުމަށް އަމިއްލަ ދިފާއުގައި ދިން ހަމަލާއަކުން ކަމަށެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓުކޮށް އޭނާ ތަހުގީގުގައި ކުށަށް އިއުތިރާފުވި އެވެ.
ނަޒާހާގެ މައްޗަށް މަރުގެ ހުކުމެއް އިއްވާފައި ނުވަނީ ޝާހިދުގެ މަންމަ އާއި އާއިލާ އިން ނަޒާހާގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވުމުންނެވެ.