ބޭރު ފައިސާ މާރު ކުރުމާއި ގުޅޭ ގަވާއިދުގެ ދަށުން، ބޭންކުތަކަށް ރިސޯޓުތަކުން މިދިޔަ މަހު 50 މިލިއަން ޑޮލަރަށްވުރެ އިތުރަށް މާރު ކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނީ 2025ވަނަ އަހަރުގެ ޖަނަވަރީ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 708.1 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށެވެ. މިއީ، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރި މިންވަރާ ބަލާއިރު ފަސް ޕަސެންޓު އިތުރުވުމެއް ކަމަށްވެސް ބުންޏެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި އެކަމުގެ މައިގަނޑު ސަބަބަކީ ޖަނަވަރީ މަހު ރިޒާވުން ހަރަދު ކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުމެވެ. އެގޮތުން، ޖަނަވަރީ މަހުގެ ނިޔަލަށް ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރު ފައިސާގެ މިންވަރު ޑިސެންބަރު މަހާ އަޅާބަލާއިރު 12 ޕަސެންޓު އިތުރުވެފައިވާ ކަމަށްވެސް ބުންޏެވެ.

އަދި، ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން ގެނެވުނު ބަދަލާއެކު، އެ މުއްދަތުގެ ތެރޭގައި އެމްއެމްއޭއަށް ލިބުނު ބޭރު ފައިސާ އިތުރުވެފައި ވުމަކީ ވެސް މީގެ އެއް ސަބަބު ކަމަށް އެ އިދާރާ އިން ބުންޏެވެ.

"ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ލިބިފައިވާ ބޭރު ފައިސާގެ އާމްދަނީއަށް ބިނާކޮށް، ފާއިތުވި ޖަނަވަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް މާރުކޮށްފައިވާކަން ވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ،" އެމްއެމްއޭ އިން ބުންޏެވެ.

އެ އިދާރާ އިން ބުނީ އެ މުއްދަތުގައި، ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން 90 ޕަސެންޓު ރިޒޯޓުތަކުން އެ ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 18ވަނަ ދުވަހު އެމްއެމްއޭ އިން ވަނީ ޖެނުއަރީ މަހުގެ ނިޔަލަށް ރިސޯޓުތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރާނެ ކަމަށް ބެލެވޭ އަންދާޒާއެއް ކަނޑައަޅައިފައެވެ. އެމްއެމްއޭ އިން އޭރު ކަނޑައަޅާފައި ހުރީ 30 މިލިއަން ޑޮލަރާއި 40 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެކެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އެމްއެމްއޭ އިން ގެޒެޓުގައި ބުނެފައި ވަނީ ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކުން ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އަދަދު އެ 87 ދުވަސް ކުރިން ރާއްޖޭގެ ބޭންކަކަށް ޖަމާ ކުރަން ޖެހޭނެ ކަމަށެވެ.

ޓޫރިޒަމް ދާއިރާއިން ލިބޭ ބޭރު ފައިސާ މާރުކުރަން ޖެހޭނީ ވެސް ބޭންކްތައް މެދުވެރިކޮށެވެ. އެގޮތުން ރިސޯޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ބޭރު ފައިސާ ދިވެހި ބޭންކެއް މެދުވެރިކޮށް މާރު ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާ އިން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް މާރު ކުރުމުގައި ދެ އިހްތިޔާރެއް ހިމަނައި، ގާނޫނެއް ފާސް ކޮށްފައިވާއިރު އޭގައި ދެ ކެޓަގަރީއެއްވެއެވެ.

"ކެޓަގަރީ އޭ ޓޫރިޒަމް އެސެޓްބްލިޝްމަންޓް" ގައި ހިމެނޭ ފަރާތްތަކަށް ދެ އިހްތިޔާރެއް ދީފައިވެއެވެ. އެ ދެ އިހްތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރު ކުރުމެވެ.

"ކެޓަގަރީ ބީ ޓޫރިޒަމް އެސެޓްބްލިޝްމަންޓް" ގައި ހިމަނާފައިވާ ދެ އިހްތިޔާރަކީ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށް ހިމެނުމެވެ.