އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އެލަވަންސް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދުމުގެ ގޮތުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރެވެ.

ޒަމީރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ލަފާގެ މަތީން ނޭޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަން ވާނެ ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް ރަމަޟާން މަހުގެ އިނާޔަތް ދޭން ވާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހު އދ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައިއެ އަތޮޅު ދަނގެއްޗަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވަނީ މިއަހަރުގެ ރަމަޟާން މަހުން ފެށިގެން ކޮންމެ އަހަރަކުވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

"މި އަންނަ ރަމަޟާން މަހުން ފެށިގެން، ކޮންމެ ރަމަޟާން މަހަކު ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ މަހުގެ އިނާޔަތް ދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ލިބޭ އެލަވަންސް ވެސް މުސާރައެއްގެ ގޮތަށް ބަދަލުކޮށް ވިހެއުމުން ލިބޭ ޗުއްޓީ ވެސް ލިބޭނެ ގޮތް ހައްދަވާނެ ކަމަށެވެ.