ޣައްޒާ އިން ފަލަސްތީނުގެ ރައްޔިތުން ބޭލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕްމު ދައްކަވާފައިވާ ވާހަކަތައް ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ 1967ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ކަނޑައެޅުމަށް ގޮވާލައްވާފައެވެ. އެ ބަޔާނުގައި ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށް ރާއްޖޭން ކުރާ ތާއީދު ތަކުރާރު ކޮށްފައިވެއެވެ.
ފަލަސްތީނުގެ ބިންތަކުން އެގައުމުގެ ރައްޔިތުން ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް ނެރުން ކުށްވެރިކޮށް ރާއްޖޭން ނެރެފައިވާ ބަޔާނުގައި ވަނީ ފަލަސްތީނުގެ ބިންތަކުގައި ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް އާބާދީތައް ގާއިމުކުރުމާއި ފަލަސްތީނުގެ ބިންތައް ހިފުން ވެސް ކުށްވެރިކޮށްފައެވެ.
ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމަށް ވެސް އެ ބަޔާނުގައި ރާއްޖޭން ވަނީ ގޮވާލައިފައެވެ. އަދި ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލައިފައިވެއެވެ.
ފޮރިން މިނިސްޓްރީން މިފަދަ ބަޔާނެއް ނެރުނުއިރު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ވަނީ މި މައްސަލަ އަށް އަލިއަޅުއްވާލައްވައިފައެވެ.
"ޣައްޒާއިން ފަލަސްތީން ރައްޔިތުން ބެލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެ ބަޔާނުގައި ރައީސް ވަނީ ޣައްޒާ އަކީ ފަލަސްތީނު ރައްޔިތުންގެ ބިމެއް ކަމަށް ވިދާޅުވެފައެވެ. ދުނިޔޭގައި އަމާންކަން ގާއިމްކޮށްފައި އޮތުމަކީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަށުން އިސްކަން ދެއްވާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭން މިފަދައިން ބުނެފައި މިވަނީ ޣައްޒާ ވެރިކޮށްލުމުގެ ވިސްނުން އެމެރިކާ އިން ގެންގުޅެމުން އަންނަ ދަނޑިވަޅެއްގައެވެ. ދާދިފަހުން އެމެރިކާގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕުގެ ވިސްނުން ހުރީ ޣައްޒާގެ ރައްޔިތުން އެތަނުން ހުސްކުރުމަށެވެ. އޭނާ ވަނީ އެތަން ވާނީ އެމެރިކާގެ "މިލްކަކަށް" ކަމަށް ވިދާޅުވެފައެވެ.