ހާލު ބޮޑު މާބަނޑު އަންހެނަކު ދުވަސް ނުފުރައި ވިހެއި ދަރިފުޅާ އެކު، އިތުރު ފަރުވާއަށް މާލެ ގެންނަން އުޅެނިކޮށް، ކުއްޑޫ އެއާޕޯޓު ރަންވޭ މައްޗަށް ރޭ ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ގއ. ވިލިނގިލީ ޒަމާނީވިލާ ފާތިމަތު ޝިއުނާ، 37، އެވެ.

ޝިއުނާގެ ފިރިމީހާ، ޝިފާޒު ޒާހިރު "ހަތާވީސް"އަށް ބުނީ ޝިނުއާ ބަލައި ކޫއްޑޫ އެއާޕޯޓަށް ޖެއްސި އެއާ އެންބިއުލާންސްގެ ވެންޓިލޭޓަރު ހުރީ ހަލާކުވެފައި ކަމަށާއި އެ ފްލައިޓުގައި ބަލި މީހަކަށް ދޭނެ އޮކްސިޖަނެއް ނެތް ކަމަށެވެ.

ޝިފާޒު ބުނީ ޝިއުނާ މާލެ ގެންދިއުމަށް ކޫއްޑޫ ރަންވޭއަށް އެރުވީ ރޭ 11:40ގައި ކަމަށާއި ފްލައިޓަށް ނާރުވައި ރަންވޭގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށް، މެންދަމު 1:30ގައި އަންހެނުން ނިޔާވެފައިވާ ކަމަށެވެ.

އެއާ އެންބިއުލާންސްގައި ސިއްހީ އާލާތްތައް ނެތިގެން، ބަލި މީހާއަށް ފަރުވާ ދިނުމަށް ބައެއް އާލާތްތައް ގެނެސްފައި ވަނީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުންނެވެ. އެ ސާމާނުތައް ކޫއްޑޫއަށް ގެންދިއުމަށް ދެ ފަހަރެއްގެ މަތިން ވިލިގިއްޔާއި ކޫއްޑޫއާ ދެމެދު ލޯންޗު ދަތުރުތަކެއް ވެސް ކުރަންޖެހުނެވެ.

ޝިއުނާ ނިޔާވުމުން، ދަރިފުޅު އިތުރު ފަރުވާއަށް މާލެ ގެނައި މަގުމަތީގައި ވަނީ ނިޔާވެފައެވެ.

ގއ. އަތޮޅު ހޮސްޕިޓަލުގައި ޝިއުނާ އެޑްމިޓްކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މެންދަމު 2 ޖެހި ފަހުންނެވެ. ޝިފާޒު ބުނި ގޮތުގައި އަންހެނުން ހޮސްޕިޓަލަށް ގެންދިޔައީ ރޯގާ ޖެހި، މާ ބޮޑަށް ކެއްސާތީއެވެ. ޝިއުނާގެ ހާލު ބޮޑުވީ ހޮސްޕިޓަލަށް ގެންދިޔަ ގޮތަށް، ހެނދުނު ވީއިރުވެސް ޑޮކްޓަރެއް އައިސް އޭނާއަށް ފަރުވާ ނުދެވި ލަސްވެ، ދިގު ދެމިގެންދިއުމުން ކަމަށް ޝިފާޒު ތުހުމަތު ކުރިއެވެ.

"އޮކްސިޖަން ގުޅާފައި، އެއްވެސް ކަހަލަ ޓްރީޓުމަންޓެއް ނުދީ އޮތީ. އަނެއް ދުވަހު ހެނދުނުވީއިރު ވެސް ޑޮކްޓަރެއް ނާދޭ،" ބަނޑަށް އަށް މަސް ވެފައިވާ ޝިއުނާގެ ހާލަތު ކިޔައިދެމުން ޝިފާޒު ބުންޏެވެ.

"އަންހެނުންނަށް ނޭވާއެއް ނުލެވޭ. ނޭވާ ހާސްވަނީ. އެތަނުން [ގއ. އަތޮޅު ހޮސްޕިޓަލް] އެއްވެސް ފަރުވާއެއް ނުދެވޭ. އެހެން ހުއްޓާ އޮކްސިޖަން ލެވެލް ދަށްވީމަ [ހޮސްޕިޓަލުން] އަވަސްވެގަތީ."

ޝިފާޒު ބުނީ އަންހެނުންގެ ހާލު ސީރިއަސްވުމުން، ހޮސްޕިޓަލުން އަވަސްވެގަނެ ވެންޓިލޭޓަރުގެ އެހީގައި އަންހެނުންނަށް ނޭވާ ލެވޭ ގޮތް ހެދި ކަމަށާއި ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގި ކަމަށެވެ. ދަރިފުޅު ނެގިއިރު ދަރިފުޅާއި މަންމަގެ ހާލު ވެސް ސީރިއަސް ކަމަށް އޭނާ ބުންޏެވެ.

ދެމައިންގެ ހާލު ސީރިއަސްވުމުން، އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް އެއާ އެންބިއުލާންސް ހަމަޖައްސަން މަސައްކަތްކޮށް، އެ މަސައްކަތް ދިގުލައިގެން ދިޔަ ކަމަށް ޝިފާޒު ބުންޏެވެ. އޭނާ ބުނީ އެއާ އެންބިއުލާންސްގެ ފްލައިޓް ކޫއްޑޫއަށް ޖައްސާނެ ކަމަށް ފުރަތަމަ ބުނީ ރޭ 7ގައި ކަމަށާއި ނަމަވެސް ފްލައިޓަށް އަންހެނުން އެރުވުމަށްޓަކާ ރަންވޭއަށް އަންހެނުން އެރުވުނުއިރު ރޭ 11:40 ވެއްޖެ ކަމަށެވެ.

ޝިއުނާގެ މަރާ ގުޅޭ ގޮތުން އާއިލާއިން ކުރި ތުހުމަތުތަކަށް ޖަވާބު ހޯދުމަށް ހެލްތު މިނިސްޓްރީއަށް ގުޅުމުން އެ މިނިސްޓްރީ ބުނީ އެ މައްސަލަ އެ މިނިސްޓްރީގެ ބަލަމުންދާ ކަމަށެވެ.