އަލް މަޝްއަރް ޕްރައިވެޓް ލިމިޓެޑް އިން މިދިޔަ އަހަރު އުމްރާ އަށް މީހުން ގެންދިއުމަށް ގިނަ ބައެއްގެ އަތުން ފައިސާ ނަގާ މަކަރާއި ހީލަތް ހެދި މައްސަލާގައި އެ ގްރޫޕްގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް ދައުވާތައް އުފުލުމަށްފަހު އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމައި ފާރިޝްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 19ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މަޝްއަރު ގްރޫޕުން އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ފާރިޝްގެ މައްޗަށް ދައުވާތައް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ފާރިޝްގެ މައްޗަށް ޓެކުމުގެ ހަ ދައުވާ އަކާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް އުފުލައިފައިވެއެވެ.

ޓެކުމުގެ ދައުވާކުރީ ފާރިޝްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްއަރު ނަމަކަށް ކިޔާ ކުންފުންޏެއްގެ ދަށުން ހިންގާ މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްއަށް 2024 ވަނަ އަހަރު ދިވެހިރާއްޖެ އިން އުމްރާއަށް މީހުން ގެންގޮސް ދިނުމުުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން 2024 ވަނަ އަހަރު އުމްރާއަށް ގެންގޮސްދޭނެ ކަަމަށް ބުނެ، ދިވެހި ފައިސާއާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ މީހުން އުމްރާއަށް ގެންގޮސްދީފައި ނުވާތީ އާއި، އެ ފައިސާ އަނބުރައި ރައްދުކޮށްދީފައި ނުވާތީ ކަމަށް ޕީޖީން ބުންޏެވެ.

ދައުވާކޮށްފައި ވާނީ ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިތައް ވަކިން ކަމަށާއި މީގެ ތެރޭގައި ގްރޫޕެއް ގޮތުގައި އުމްރާއަށް ދިއުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކި މީހުން ހިމެނޭ ކަމަށް ޕީޖީން ބުންޏެވެ.

ފާރިޝް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072 ދިވެހި ރުފިޔާ އާއި، 8،100 އެމެރިކާ ޑޮލަރެވެ. މި ފައިސާ ދެއްކި ފަރާތްތަކަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ފާރިޝް އަތުން އެ ފައިސާ ނަގައިދިނުމަށް ދައުވާގައި އެދިފައިވާނެ ކަމަށް ޕީޖީން ބުންޏެވެ.

މަނީ ލޯންޑަރިންގެ ދައުވާ ކުރި ސަބަބެއް ކަމަށް ޕީޖީން ބުނީ ފާރިޝްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްއަށް 2024 ވަނަ އަހަރު ދިވެހިރާއްޖެ އިން އުމްރާއަށް މީހުން ގެންގޮސް ދިނުމުުގެ ހުއްދަ ލިބިފައި ނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން 2024 ވަނަ އަހަރު އުމްރާއަށް ގެންގޮސްދޭނެ ކަަމަށް ބުނެ، ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ ފައިސާ ޓެކުމަކުން އެމީހުން އަތުން ނިގުޅައިގަނެ، އެ ފައިސާ، ފާރިޝްގެ އަމިއްލަ އެކައުންޓުތަކާއި، ފާރިޝްގެ ހިއްސާ އޮންނަ ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އިތުރު ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށް ފައިސާ ލޯންޑާ ކޮށްފައިވާތީއެވެ.

ފާރިޝް ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072 ދިވެހި ރުފިޔާ އާއި، 8،100 އެމެރިކާ ޑޮލަރެވެ.

މަޝްއަރު ގްރޫޕުން ވަނީ އުމްރާ އަށް މީހުން ގެންދާނެ ކަމަށް ބުނެ 27 މީހެއްގެ އަތުން 500،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ނަގައިފައެވެ. އަދި އެ ގްރޫޕްގެ ހަވާލުގައި އުމްރާ އަށް ދިޔަ މީހުން މައްކާގައި ތާށިވިއެވެ. އެއީ އެ ގްރޫޕަށް ޓިކެޓް ވިއްކި އޭޖެންޓް އޭސް ޓްރެވަލްސް އަށް ރިޓާން ޓިކެޓަށް ވާ ފައިސާ ނުދެއްކުމުންނެވެ.

އެ މައްސަލަ ފެންމަތިވުމުން މަޝްއަރު ގްރޫޕުން ވަނީ އެ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންނަށް އަމިއްލަ އަށް ރިޓާން ޓިކެޓަށް ފައިސާ ދެއްކޭނަމަ ފައިސާ ދެއްކުމަށް އެދިފައެވެ. އަދި އެ ގްރޫޕުން އެ ފައިސާ ފަހުން ރައްދު ކުރާނެ ކަމަށްވެސް ބުންޏެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަހަރުގެ އޭޕްރީލް މަސް ތެރޭގައެވެ.