ކުރިޔަށް އޮތް ރަމަޟާން މަހަށް ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އޮތީ ތައްޔާރަށް ކަމަށާއި އާއްމުންނަށް ދަތިކަމެއް ނެތި މުދާ ލިބޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ރޯދަމަހަށް އެކުންފުނިން ވެފައިވާ ތައްޔާރީތަކާއި ގުޅޭ ގޮތުން އެސްޓީއޯ އިން މިއަދު ބުނީ އެކުންފުނީގެ މައިގަނޑު އެއް މަގްސަދަކީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުން ކަމަށެވެ. އަދި އެކަށީގެންވާ އަގެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން އެތަކެތި ލިބޭނެ މަގު ފަހި ކޮށްދިނުމަކީ ވެސް މައިގަނޑު މަގުސަދެއް ކަމަށް ބުންޏެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހަށްވެސް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން ހާއްސަ ތައްޔާރީތަކެއް ވަމުން އާދެއެވެ. ރަމަޟާން މަހަކީ ކާބޯތަކެތީގެ ޑިމާންޑް އިންތިހާއަށް މަތިވާ މޫސުމަކަށް ވުމާއެކު، އަގުތައް މައްޗަށް ދިއުމާއި ސަޕްލައި ޝޯޓޭޖްވުމަކީ އާންމުކޮށް ދިމާވާ މައްސަލައެކެވެ. އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.
ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ގައުމަކަށް ވުމާއެކު، ދުނިޔޭގެ މާކެޓަށް އަންނަ ބަދަލުތައް ދިރާސާކޮށް، ރާއްޖޭގެ ބާޒާރުގައި އުފެދޭ ޑިމާންޑާ އެއްވަރަށް މުދާ ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް އެސްޓިއޯ އިން ބުނެއެވެ.
"އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރުވެސް އެސްޓީއޯއިންވަނީ ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުވެފައެވެ. ކުރީ އަހަރުތަކުގެ ތަޖުރިބާއާއެކު، މިއަހަރު ވަކިން ހާއްސަކޮށް ވަނީ އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލުއިވާނެހެން ކަންކަން ރޭވިފައެވެ،" އެސްޓީއޯ އިން ބުންޏެވެ.
ބާޒާރުގެ އަގުތައް ދުވަހުން ދުވަހަށް މޮނިޓާކޮށް، އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ، އަވަސް ފިޔަވަޅު އެޅިގެން އަންނާނެ ކަމަށް ވެސް އެސްޓީއޯ އިން ހާމަކުރެއެވެ. ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް މުދާ އިމްޕޯޓްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމްތައްވެސް ހަމަޖެއްސިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
"ރަމަޟާން މަހުގައި އަގުތައް މައްޗަށް ދިއުން ހުއްޓުވުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ދުރާލާ ވަނީ ކުރެވިފައެވެ. މިގޮތުން ފުރަތަމަ ޝިޕްމެންޓް ފެބުރުވަރީ މަހުގެ ކުރީކޮޅު މާކެޓަށް ނެރެވޭނެއެވެ. އަދި އެއަށްފަހުވެސް ގަވާއިދުން އެހެނިހެން ޝިޕްމެންޓްތައް ގެނެވޭނެއެވެ. ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ތަކެތީގެ އިތުރުން އެހެނިހެން މުހިންމު ކާބޯތަކެތި ވެސް ބާޒާރަށް ނެރެވޭނެ ގޮތް ހަމަޖެހިގެންދާނެއެވެ،" އެސްޓީއޯ އިން ބުންޏެވެ.
ހާއްސަކޮށް ބާޒާރުގައި އަގު މައްޗަށް ދާކަމަށް ފާހަގަކުރެވޭ ތަކެއްޗަށް އިސްކަންދެވޭނެ ކަމަށާއި އަދި އަސާސީ މުދަލެއްގެ އަގު އެކަށީގެންނުވާ މިންވަރަކަށް މައްޗަށްދާނަމަ، އިކޮނޮމިކް މިނިސްޓްރީގެ ލަފާގެ ދަށުން އެސްޓީއޯ މެދުވެރިވެ، އަގު ކޮންޓްރޯލްކޮށް، މުދާ ލިބޭނެ މަގު ތަނަވަސްކޮށްދޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
މިވަގުތު އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އޭގެތެރޭގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ވިއްކާ ފިޔާ، ބިސް އަލުވި، ކާއްޓާއި ކަދުރު ހިމެނެއެވެ.
ތާޒާ ތަރުކާރީ އަދި މޭވާގެ ބާވަތްތަކުގެ ތެރޭގައި ލޮނުމެދާއި އިނގުރާއި ލުނބޯ އަދި ކެރެޓާއި އޮރެންޖާއި ކެބެޖާއި މިރުހާއި ފޭރާއި ކަރާގެ އިތުރުން އަނބާއި ޕެޝަންފުރުޓް އަދި ކިއުކަންބާ ހިމެނެއެވެ.
ޕްރޮސެސްޑް ކާނާ އަކީ ވެސް އެސްޓީއޯ އިން ބަހާލާފައިވާ ހަތަރު ކެޓަގަރީގައި ހިމެނޭ ބައެކެވެ. މީގެތެރޭގައި ނެސްލޭ ކުރީމާއި، ކޮކޯ ޕައުޑަރާއި ބޭކެޓް ބީންސާއި ގެރިކިރު ދަޅު ހިމެނެއެވެ. ކެއްކުމަށް ބޭނުންކުރާތަކެތީގެ ތެރޭގައި ސަންފްލާވަރ އޮއިލާއި ވެޖިޓަބަލް އޮއިލްގެ އިތުރުން ބާސްމަތި ހަނޑޫ ހިމެނެއެވެ.
އެސްޓީއޯ އިން ބުނީ އެކުންފުނީގެ މަގުސަދަކީ އުފެދޭ ޑިމާންޑާ އެއްވަރެއްގައި މުދާ ފޯރުކޮށްދީ މާކެޓްގައި ސަޕްލައި ގެޕެއް އުފެދި އޭގެ ބުރަ އާންމުންނަށް އުފުލަން ޖެހުނަ ނުދިނުން ކަމަށެވެ.