ދިވެހިންގެ އުފާވެރިކަން ހުރި ވަރު ވަޒަން ކުރުމަށް ރާއްޖޭގެ "ހެޕިނެސް އިންޑެކްސް" ތައާރަފުކޮށްފިއެވެ.

ދިވެހިންގެ އުފާވެރިކަން މިންކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އިން އިސްނަގައިގެން އެކުލަވާލުމުގެ މަސައްކަތް ފައްޓަވަފައިވާ މަޝްރޫޢުގެ ރިސާޗު ޕާޓްނަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އެވެ.

މިއީ ދިވެހިންގެ އުފާވެރިކަން މިންކުރުމަށް ރަސްމީ ސިފައެއްގައި އޮނިގަނޑެއް އެކުލަވާލައި، ފުރަތަމަ ފަހަރަށް ދިވެހި ގައުމުގެ އުފާވެރިކަމުގެ ނިސްބަތް ދެނެގަތުމުގެ މަޝްރޫއުއެއް ހިންގަން ފެށި ފުރަތަމަ ފަހަރެވެ.

ސަލްޓަން ޕާކުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިކަން ތައާރަފު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

މިއަދުގެ ރަސްމިއްޔާތުގައި، މުޖުތަމައުގެ އެކި ބަހާތަކުގެ މެންބަރުން އުފާވެރިކަން މާނަ ކުރައްވާ ގޮތް ހިއްސާކޮށްދެއްވުން އޮތެވެ.

އެގޮތުން އިސްރަށްވެހިންނާއި، ދަރިވަރުންނާއި، ކަނބަލުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޒުވާނުންގެ ޝުއޫރު ހިއްސާކުރައްވާފައިވެއެވެ.

"ހެޕިނަސް އިންޑެކްސް"އަށް ތައްޔާރުކޮށްފައިވާ ހާއްސަ ލަވައެއްވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ތައާރަފުކޮށްފައެވެ.ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން ހުރި މިންވަރު ބެލުމަށް "ހެޕިނަސް އިންޑެކްސް" އެއް ކަނޑައެޅުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެއްޓެވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުމާއި، ކޮންމެ ރަށެއްގެ ހާލަތު ރަނގަޅަށް ދެނެގަނެވުމަކީ މުހިންމު ކަމެއްކަމުގައި ދެކެވަޑައިގެން، ރިޔާސީ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައެވެ.

ރާއްޖޭގެ "ހެޕިނަސް އިންޑެކްސް" ކަނޑައެޅުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދަވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ "ބެސްޓް ޕްރެކްޓިސް" މިންގަނޑުތަކަށްވެސް ރިއާޔަތް ކޮށްގެންނެވެ.