ރަނގަޅު ނަތީޖާ ނުލިބި ވަޒީފާއެއް ނެތިފައިވާ ދަރިވަރުން ސިފައިން ނުވަތަ ފުލުހުންގެ ވަޒީފާއަށް ވަންނަން ލާޒިމްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ނޭޝަނަލް ސާވިސް ޕްރޮގްރާމް ފެށުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔާރުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ސަރުކާރުގެ ގެޒެޓުގައި ވަނީ ނޭޝަނަލް ސާވިސް ކޯޑިނޭޝަން ސެކްރެޓޭރިއޭޓަށް ޑެޕިއުޓީ ޑިރެކްޓަރަކާއި އެސިސްޓެންޓް ޑިރެކްޓަރެއް ހޯދަން އިއުލާންކޮށްފައެވެ. އަދި އެ މަގާމުތަކުގެ މަސްއޫލިއްޔަތުތައް ވެސް އިއުލާނުގައި ބަޔާން ކޮށްފައިވެއެވެ.
މިދިޔަ އަހަރު ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ހިދުމަތަށް އިތުރު 1000 ފުލުހުން ބޭނުންވާއިރު, އެކަށީގެންވާ ނަތީޖާއެއް ސްކޫލްތަކުގައި ނުލިބޭތީ މަގުމަތިވެފައި ތިބި އެތައް ބަޔަކު ރާއްޖޭގައި ތިބިކަން ފާހަގަކުރައްވައިފައެވެ.
އެހެންވެ, އެފަދަ މީހުން ސިފައިން ނުވަތަ ފުލުހުންގެ ވަޒީފާއަށް ވަންނަން މަޖުބޫރުވާ ގޮތަށް ނޭޝަނަލް ސާވިސްގެ ޕްރޮގްރާމް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ޕްރޮގްރާމް ވެގެން ދާނީ ގާނޫނެއް ހެދިގެން، އެ ގާނޫނުން ބާރު ލިބިގެން، އުމުރުން 16 އަހަރުވުމަށްފަހު، 16 އަހަރުވެގެން އޯލެވެލް ނިންމާފައި ނޫނީ ތައުލީމް ހާސިލް ކުރެވުނު ހިސާބަކުން ދެން މައްޗަށް ދިއުމުގެ ފުރުސަތު ނުލިބޭ ކުދިންނަށް އަދި ވަޒީފާއެއް ވެސް ނުލިބޭ ކުއްޖެއްވިއްޔާ މި ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ." އެ ޖަލްސާގައި ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ޕްރޮގްރާމަށް އަހަރަކު 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ހަރަދުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމް ނިންމުމުން ސިފައިންގެއިން ނުވަތަ ފުލުހުންގެ އިދާރާއިން ވަޒީފާ ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.