ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، އެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ލިބުނު އެއްބާރުލުމަށް އިބްރާހީމް ފައިސަލް ޝުކުރު އަދާ ކުރައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދަރިކަލުން ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކި ކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ. ފައިސަލް މަގާމުން ވަކި ކުރެއްވި ސަބަބެއް ސާފެއް ނޫނެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ރައީސް މުއިއްޒާ މަޖިލިސް ރައީސް އަބްދުއްރަހީމާ ދެބޭފުޅުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ފައިސަލް ވަކި ކުރެއްވީ އެފަދަ ސަބަބުތަކަކާއި ހެދިއެވެ.
މަގާމުން ވަކި ކުރެއްވިތާ ދެ ދުވަސް ފަހުން ފައިސަލް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ރައީސް މުއިއްޒު އޭނާ އައްޔަން ކުރެއްވުމަކީ އޭނާ އަށް ލިބިގެންދިޔަ މަތިވެރި އުފަލަކާއި ޝަރަފެއް ކަމަށެވެ. އެ ފުރުސަތު އޭނާ އަށް ރައީސް ދެއްވުމަކީ އަބަދުވެސް ފަހުރުވެރިވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
"ދިވެހި ގައުމަށާއި ދިވެހި ރާއްޖޭގެ ޓޫރިޒަމަށް ހިދުމަތް ކުރާން އަޅުގަނޑަށް ފުރުސަތު ދެއްވި ކަމައްޓަކައި އިހުލާސްތެރި ކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާ ކުރަމެވެ،" ފައިސަލްގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ފައިސަލް ވިދާޅުވެފައި ވަނީ އޭނާއާ ހަވާލު ކުރެއްވި މަސައްކަތް އަދާ ކޮށްފައި ވާނީ ޝައުގުވެރިކަމާއި އިހުލާސްތެރި ކަމާއެކު ތެދުވެރިކަމާއެކު ކަމަށެވެ. އަދި އޭނާގެ ގާބިލިއްޔަތު ތަންދިން އެންމެ އުސް ދަރަޖައިގައި ވަރުބަލި ނުވެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާފައި ވާނެ ކަމަށް ވިދާޅުވިއެވެ.
ޓޫރިޒަމްގެ އަމާޒުތަކަށް ވާސިލުވާން މަސައްކަތްކޮށްފައި ވާނީ ދިވެހިރައްޔިތުންނާއި ގާތުން ބަދަލުވަމުންދާ ދުނިޔޭގެ ފަތުވެރިކަމަށް ބަލައިގެން ކަމަށްވެސް ފައިސަލް ފާހަގަކުރެއްވިއެވެ.
"ދިވެހި ސަރުކާރާއެކު ދިވެހި ގައުމަށް އަޅުގަނޑު ހިދުމަތް ކުރިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި އެ މަނިކުފާނުގެ ވަޒީރުންގެ މަޖިލީހާއި ޓޫރިޒަމް މިނިސްޓަރީގެ ސިޔާސީ މުވައްޒަފުންނާއި ސިވިލްސާވިސް މުވައްޒަފުންގެ ފަރާތުން އަޅުގަނޑަށް އެއްބާރުލުން ދީފައި ވަނީ ނުހަނު ބޮޑަށެވެ. އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ ހިތުގައި އޮތީ ލޯތްބާއި ޝުކުރެވެ" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދާން ޖެހެއެވެ. އެކަމަށް މިހާރު ދިވެހިން އަޅަން ޖެހޭ އެންމެ ބޮޑު ފިޔަވަޅަކީ ސަރުކާރުގެ ވަރަށް ބޮޑު ޝައުގުވެރި ކަމެއް އޮތް ފިޔަވަޅުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
އެއީ ޓޫރިޒަމްގެ ފަހި ފުރުސަތުތައް ޒުވާނުންނަށް ހޯދައިދީ، އިންވެސްޓްކޮށް ޒުވާނުންގެ ބައިވެރިވުމާއެކު ދިވެހި ޓޫރިޒަމް ދިވެހިންގެ އަތް މައްޗަށް ގެނައުން ކަމަށާއި އިތުރު އެނދު ތަރައްގީ ކުރާނެ ފަންޑު ހޯދައި ދިނުމާއެކު ފަސޭހަ ފަހި މާހައުލެއް ޒުވާނުންނަށް އުފައްދައި ދިނުން ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލްގެ ބަޔާން ނިންމާލައްވަމުން ވެސް ވަނީ ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރަން ލިބުމަކީ އޭނާ އަބަދުވެސް ދެކިވަޑައިގަންނަވަމުން ދިޔަ ހުވަފެނެއް ކަމަށް ވިދާޅުވެފައެވެ. އަދި ލިބިވަޑައިގެންނެވި އުފަލެއްކަން ތަކުރާރު ކުރެއްވިއެވެ.