މީޑިއާގެ މިނިވަން ކަމަކަށް ދުވަހަކުވެސް ހުރަހެއް ނާޅާނެ ކަމަށާއި އަދި އެފަދަ މަސައްކަތަކަށް ވެސް ތާއީދު ނުކުރައްވާނެ ކަމަށް މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިކަމާއި އިންޓަނެޓްގެ ވަސީލަތްތައް މިހާރު އޮންނަ ނިޒާމުގެ ތެރެއިން ސެލްފް ރެގިއުލޭޓްނުކުރެވޭ ކަމަށާއި އެހެންވެ، އެ ކަންކަން ހަރުދަނާ ގޮތެއްގައި ރެގިއުލޭޓްކުރަން ބިލެއް ތައްޔާރުކުރައްވަމުން ގެންދަވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މިރޭ ނާޒިމް ނެރުއްވި ބަޔާނެއްގައި ވަނީ މީޑިއާތަކުން އެވާހަކަ ގެނެސްފައި ވަނީ، އޮޅުވާލައިގެން ކަމަށެވެ.
"އަޅުގަނޑަކީ އެއްވެސް ޒަމާނެއްގައި މިނިވަން މީޑިއާއާ ދެކޮޅު ފަރާތެއް ނޫނެވެ. އަދި މީޑިއާގެ މިނިވަން ކަމަށް ހުރަސް އަޅާނެ މީހެއް ނޫނެވެ. އަދި އެފަދަ ކަމަކަށް ދުވަހަކުވެސް ތާއީދު ކުރާނެ ފަރާތެއް ނޫނެވެ،" ނާޒިމްގެ ބަޔާން ފައްޓަވަމުން ވިދާޅުވިއެވެ.
ރާއްޖޭގައި މީޑިއާތައް ރެގިއުލޭޓްކުރަން ދެ މުއައްސަސާއެއް އޮތް ނަމަވެސް އެ ދެ މުއައްސަސާ ވެސް ރަނގަޅަށް މަސައްކަތްނުކުރާކަން މީޑިއާތަކުން ވެސް ގަބޫލުކުރާނެ ކަމަށާއި މި ދެ މުއައްސަސާ އަށް މިދިޔަ އަހަރު ވެސް ދައުލަތުގެ ބަޖެޓުން 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާގެ މަގުސަދަކީ މިފަދަ ދޯހަޅި ގޮތް ގޮތަށް ހުރި މުއައްސަސާތައް ރީފޯމް ކުރުން ކަމަށާއި އަދި މީޑިއާތަކުން ވެސް ބޭނުން ވަނީ އެމީހުންގެ ހަގީގީ ބެލެނެވެރި ފަރާތަކީ ކޮބައިތޯ ދެނެގަތުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
މިފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި މަންސަތައް ޒުވާނުން ބޭނުންކުރާ މިންވަރު އިތުރުވެފައިވާއިރު، މުނިފޫހިފިލުވުމާއި، އާމްދަނީ ހޯދުމާއި، ޝުއޫރުތައް ފާޅުކުރާ އެންމެ ވަރުގަަދަ ތަނަކީ ސޯޝަލް މީޑިއާއަށް ވެފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންވެ އެ މަންސަތައް ރެގިއުލޭޓްކުރުމަކީ މުހިންމު ކަމެއްކަމަށް ހުރިހާ އެންމެން ވެސް އެއްބަސްވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިފަދަ މަންސަތައް ބޭނުންކުރެވޭއިރު، އަނެކާގެ އަބުރާއި، އިއްޒަތް ވެސް އެއީ އޮންނާނެ އެއްޗެއްކަން ދެެނެގަންނަން އެބަޖެހެއެެވެ،" ނާޒިމް ވިދާޅުވިއެވެ.
އަނިޔާ ލިބޭ ފަރާތުން، އިންސާފު ހޯދުމަށް ދޮރުގައި ޓަކިޖަހާއިރު، އިންސާފު ހޯދަައިދިނުމަށް އޮންނާނެ ވަސީލަތަކީ ކަޅާއިހުދުން ލިޔެފައި އޮންނަ ގާނުނުކަމާއި، އަދި މިވަގުުތު އެފަދަ ގާނޫނެއް ދިވެހިރާއްޖޭގައި ނެތްކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް "ސަން އޮންލައިން"ގައި ދެއްކެވި ވާހަކަތައް މީޑިއާތަކުން ރިޕޯޓު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ ސަރުކާރުގެ ސިޔާސަތު ހާމަ ކުރައްވައިފައެވެ.
އެކްސްގައި ހީނާ ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ބިލެއް ތައާރަފް ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް ހީނާ ވިދާޅުވިއެވެ.
"ކުރިންވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު،" ހީނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ގާއިމްކޮށް ދެމެހެއްޓުން ކަމަށެވެ.