އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިނގާ ޖިނާއީ ތަހުގީގުތައް އެކަށީގެންވާ އަވަސް މިނެއްގައި ހިނގަމުން ނުދާކަމުގެ ޝަކުވާ ޕްރޮސިކިއުޓަރު ޖެނެރަލްގެ ސަމާލުކަމަށް އައިސްފައި ވާތީ ތަހުގީގުތައް އަވަސް ކުރުމަށް ޕީޖީން އަންގައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެކަން ބެލިއިރު، ދިވެހި ދައުލަތާއި އާއްމު ރައްޔިތުންގެ މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގެ ތަހުގީގު ހިމެނޭ ގޮތުން އޭސީސީން ހިންގާ ޖިނާއީ ތަހުގީގުތައް ލަސްވެ، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައާއި، އެފަދަ މައްސަލަތަކުގައި ދައުލަތާއި އާއްމު ރައްޔިތުންގެ މަސްލަޙަތުތަކަށް އުނިކަން އަންނަމުންދާކަން ޕީޖީ އައްބާސް ޝަރީފްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން އެ ސަބަބަށްޓަކައި، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި، އެ މާއްދާގެ (ފ) ގެ ދަށުން ޕީޖީއަށް ލިބިދޭ ބާރުގެ ދަށުން، އޭސީސީން ތަހުގީގު ކުރަމުން ގެންދާ ޖިނާއީ ހުރިހާ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައި، އެ އިރުޝާދަށް މިއަދުން ފެށިގެން އަމަލު ކުރުމަށް އޭސީސީގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.

އެ އަމުރުގައި، އޭސީސީން ތަހުގީގު ކުރަމުން ގެންދާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މައްސަލަ އާއި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަ އާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި އާއްމު ފަރުދުންގެ މަސްހަލަތާއި ގުޅުންހުރި ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގުތަކަށް ހާއްސަ ސަމާލުކަމެއްދީގެން އަވަހަށް ހިންގައި، ޕީޖީ އައްބާސް ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް އެ އޮފީހަށް ހުށަހެޅުމަށް އަމުރު ކޮށްފައިވެއެވެ.

އޭސީސީގެ މައްސަލަތައް އަވަސްކޮށް، ހަރުދަނާ ކުރުމަށްޓަކައި ޕީޖީ އައްބާސް ނެރުއްވާފައިވާ އިރުޝާދަކީ އެ ކޮމިޝަނުން ތަހުގީގު ކުރަމުން ގެންދާ ހުރިހާ މައްސަލަތައް އެ އޮފީހަށް ހުށަހެޅުމުގައި، މިއަދުން ފެށިގެން އަމަލުކުރަންޖެހޭނެ އިރުޝާދެއް ކަމަށް އެ އޮފީހުން ބުންޏެވެ.

އެ އިރުޝާދުގެ ބޭނުމަކީ، އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމުގެ އިތުރުން، ތަހުގީގުތަކުގެ މަރުހަލާތައް ކުރިއަށްގެންދާނެ ސިސްޓަމިކް ގޮތްތަކެއް ކަނޑައެޅުމާއި، ޖިނާއީ މައްސަލަތައް ބަލާ އެކިއެކި އިދާރާތަކުން ހިންގާ ތަހުގީގުތަކުގެ ޔުނީފޯމިޓީ ކަށަވަރުކުރުމާއި، ތަހުގީގުގެ ކުރީ މަރުހަލާއިން ފެށިގެން އެ އޮފީހުގެ ލަފާ ހޯދަން އިތުރަށް ފަސޭހަކޮށް، އެކަމާގުޅޭ އިންތިޒާމުތައް ހަމަޖެއްސުން ކަމަށް ޕީޖީން ބުންޏެވެ.