ބައިނަލްއަޤްވާމީ ފެންވަރުގައި ޑޭ އޮފް ކްލީން އެނާޖީ ނުވަތަ ސާފު ހަކަތައިގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މިދުވަހުގެ މުހިންމުކަމާ މެދު ވިސްނާ، ގްރީންހައުސް ގޭސް (ޖީއެޗްޖީ) ނުވަތަ ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށް، ސާފު ހަކަތައަށް ބަދަލުވެ، ދުނިޔެ ޙިމާޔަތްކުރުމަށްޓަކައި މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ކަމަށް ގޮވާލައްވާފައި މި ވަނީ، ސާފު ހަކަތައިގެ ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ހާއްސަ މެސެޖެއްގައެވެ.
މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ހިރާސް ބޮޑު، ބިންތިރި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރުމަށް ލާޒިމުކަމެއްކަން ފާހަގަކުރައްވާފައެވެ.
އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި، ހާއްސަކޮށް ސޯލާ ޕަވާ އިނީޝިއޭޓިވްސް ނުވަތަ އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ރޮނގުން ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރު ނިމިގެންދާއިރު، ރާއްޖޭގައި ބޭނުން ކުރާ ކަރަންޓު ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ އަދުގެ ސަރުކާރުން ވަރުގަދަ އަޒުމެއްގައި ކަނޑައަޅުއްވާފައި އޮތް އަމާޒެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ހަކަތައިގެ ގާނޫނާއި ހަކަތައިގެ ދާއިރާގެ މަގުޗާޓުގައި، ހަކަތައިގެ ސަޕްލައި އަކީ އެކަށީގެންވާ، އިތުބާރު ހިފޭ، ދެމެހެއްޓެނިވި، ރައްކާތެރި އަދި ހެޔޮ އަގުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމަކަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒު ކަމުގައި ރައީސްގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.
އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތަކުގެ ދާއިރާގައި، ރާއްޖޭގެ ޕްރައިވެޓް ސެކްޓާ އިން މުހިންމު ދައުރެއް އަދާކުރަމުންދާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދެއްވާފައެވެ. އެ މަސައްކަތްތަކުގެ ސަބަބުން، ބައިނަލްއަގުވާމީ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ ލަނޑުދަނޑިތައް ހާސިލުކުރުމުގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަމާއި، އިގްތިސޯދީ ހަރުދަނާކަން އިތުރުވެގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ސާފު ހަކަތައިގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ފައިސާގެ އެހީދޭ ބައިވެރިން ދެއްވާ އެއްބާރުލުމަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެ މަނިކުފާނު ވަނީ، ކުދި ޖަޒީރާ ގައުމުތައް، ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)އަށް ދޭ އެހީ، ކުރިއަށް އޮތް އަހަރުތަކުގައި އިތުރުކުރަން ޖެހޭކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ރާއްޖޭގެ ރަށްތައް ހިމާޔަތްކޮށް، ދުޅަހެޔޮ ވެއްޓެއް ގާއިމުކޮށް، އެހެން ގައުމުތަކަށް ވެސް ނަމޫނާއެއްގެ ގޮތުގައި ދިވެހިރާއްޖެ ސާބިތުވެ އޮންނާނެ ކަމާއި، ގައުމާއި ދުނިޔޭގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނީ ސާފު ހަކަތައިގެ މަގުގައިކަމުގެ ޔަގީންކަން ދެއްވަމުންނެވެ.