ސިނގިރޭޓު އަގުބޮޑުކޮށް ވޭޕް މަނާކުރުމަށް ނިންމީ ސަރުކާރުން ކުރަން އުޅޭ ކަމަކަށް "ވަކަރެއް" ޖަހާލުމުގެ ގޮތުން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީން މާލޭގައި ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގައި އޮތް ޑިމޮކްރަސީ ނައްތާލަން ކަމަށެވެ. އެމްޑީޕީން ކުރި މަސައްކަތުން 18 އަހަރުން މަތީގެ ކޮންމެ މީހަކީ ބޮޑުވެ ތަސައްރަފު ފުދިފައިވާ މީހެއްގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވާ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
އެގޮތުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އިންތިހާބުތަކުގައި ވާދަ ކުރުމުގެ ފުރުސަތުވެސް 18 އަހަރު ފުރިފައިވާ ކޮންމ މީހަކަށްވެސް ލިބިގެން ދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެއިތުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކީ ވެސް ޖިނާއީ ކުށެއް އެމީހަކު ކޮށްފި ނަމަ އެކަމަށް ޒިންމާވާން ޖެހޭނެ މީހެއްގެ ގޮތުގައި ގާނޫނުތަކުގައި ކަނޑައަޅާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އަށާރަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވޯޓުލުމުގެ ހައްގަކީ އެމްޑީޕީން ވަކާލާތު ކޮށްގެން އެމްޑީޕީން މަގުމައްޗަށް ނިކުމެގެން މުޒާހަރާ ކޮށްގެން ހޯދި ހައްގެއް،" ޝާހިދު ވިދާޅުވިއެވެ.
ނަމަވެސް މިއަދު 18 އަހަރާއި 21 އަހަރާއި ދެމެދުގެ ޒުވާނުންނަށް ސިނގިރޭޓު ވިއްކުން ވެސް މަނާ ކަމަށާއި ގަތުންވެސް މަނާވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެ އުމުރުގެ ހުރިހާ ކުދިންނަށް ވޯޓުލެވޭ ކަމަށާއި ޖިނާއީ ކުށެއް ކޮށްފި ނަމަ އެކަމަށްވެސް ޒިންމާވާން ޖެހޭ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ މިއަދު އެ އުމުރުގެ ޒުވާނުން ބަސް ބުނަނީ ކިހާ ވަރަކަށްތޯ ސަރުކާރުން ބަލާ ކަމަށާއި ކަންކަމާއި ދެކޮޅަށް އަޑު އުފުލަނީ ކިހާ ވަރަކަށްތޯ ސަރުކާރުން ބަލާ ކަމަށެވެ.
"އެކުދިން ޗުއްޕު ވެސް ނުބުނެ އަނގައިން ވެސް ނުބުނ މިކަމުގައި ތިބެއްޖެނަމަ ދެން އަންނަން އޮތީ ރައްޔިތުން މަޖިލީހުގައި މިއަދުގެ ސަރުކާރަށް އޮތް ސުޕަ މެޖޯރިޓީ ބޭނުން ކޮށްގެން ގާނޫނުއަސާސީ އަށް ގެންނަން ނިންމާފައިވާ ނިންމުން އެއީ މަޖިލީހުގެ މެންބަރުކަން ކުރެވޭނީ 21 އަހަރު ފުރިގެން ކަމަށް ވޯޓުލެވޭނީ 21 އަހަރު ފުރިގެން ކަމަށް ގާނޫނުއަސާސީ ބަދަލު ކޮށްލުން،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ އެމްޑީޕީން އެތައް މަސައްކަތެއް ކޮށްގެން ހޯދި ހައްގުތައް ދޫކޮށްނުލުމަށް ޒުވާނުންނަށް ގޮވާލައިފައެވެ.