އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ 2024 ޑިސެމްބަރު 31 އާއި ހަމައަށް މި ކޮމިޝަނަށް ލިބިފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި މެންބަރުންގެ މައުލޫމާތު ހިމެނޭ ލިސްޓެއް މިއަދު އާއްމު ކޮށްފައެވެ.

އެހެންކަމުން އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ކޮމިޝަނުން ވަނީ ހުޅުވާލައިފައެވެ.

އިލެކްޝަންސް އިން ކޮށްފައިވާ އިއުލާނެއްގައި މިއަދު ބުނީ މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ މައި ޕޯޓަލް (my.elections.gov.mv) ނުވަތަ ޝަކުވާ ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ. އެ ލިސްޓު ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގައި އާއްމުކޮށް ފެންނަން ހުންނާނެ ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.

ޝަކުވާ ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާއިރު، ޝަކުވާ ހުށަހަޅަން އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި އިލެކްޝަންސް ކޮމިޝަނުގެ ޝަކުވާ ޕޯޓަލްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ސާފު ފޮޓޯއެއް ހުށަހަޅަންވާނެ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މިއަދުން ފެށިގެން އަންނަ ފެބުރުވަރީ 10 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރު ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކަށް ޕީއެންސީ ވަނީ ވެފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2019ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31ވަނަ ދުވަހު ރަޖިސްޓްރީ ކޮށްފައިވާ ޕީއެންސީގައި މިވަގުތު 68،968 މެންބަރުން އެބަ ތިއްބެވެ. މިދިޔަ އަހަރު ފެށުނުއިރު އެޕާޓީގައި ތިބީ 28،201 މެންބަރުންނެވެ.

އިލެކްޝަންސްގެ ދަފްތަރުން ދައްކާ ގޮތުގައި ދެވަނަ އަށް އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގައެވެ. އެއީ 43،755 މެންބަރުންނެވެ. މިދިޔަ އަހަރު ފެށުނުއިރު އެމްޑީޕީގައި 52،142 މެންބަރުންނެވެ.