ރ. ފައިނުގައި އެއާޕޯޓު އެޅުމަށްޓަކައި އަންނަ މަހު އެމްޓީސީސީއާ ހަވާލު ކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނުގައި ރައީސް މުއިއްޒު ވަނީ އިނގުރައިދޫ އަށް ވަޑައިގެން ފައިނުގައި އެއާޕޯޓް އަޅަން ކުރީގެ ރައީސް ޔާމީން ގެންގުޅުއްވި ތަސައްވުރާ އެއްގޮތަށް އެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އޭރު އެ މަސައްކަތް ނުކުރެވުނީ އެކަމާއި ދެކޮޅަށް ބަޔަކު އަޑު އުފުލުމުންނެވެ. އެ އަޑު އެގޮތަށް އުފުލީ އެއީ ތިމާވެއްޓާ އެންމެ ރައްޓެހި ގޮތަށް ނުވާނެތީ ކަމަށް ބުނެއެވެ.
ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި އެ އަތޮޅު ބައެއް ރަށްތަކުން ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެއާޕޯޓު އެޅުމަށް ނިންމާފައިވާބެރިޔަންފަރުފަޅުގައި އެއާޕޯޓް އަޅައިދިނުމަށް އެދިފައެވެ.
ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓް އަޅާނެ ތަނަކާ މެދު ރަށްތަކުގެ މެދުގައި އޮތީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައެވެ. ނަމަވެސް ފައިނަށް އެ އެއާޕޯޓު ލިބުނީ ރާއްޖޭގައި އިތުރު ނުވަ އެއާޕޯޓެއް އަޅާނެ ރަށްތައް ރައީސް މުއިއްޒު މިދިޔަ އަހަރުގެ މާޗު މަހުގެ 27ވަނަ ދުވަހު ނެރުއްވި ގަރާރަކުންނެވެ.
ރ. އަތޮޅުގެ 11 ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ މިއަދު ފައިނަށް ވަޑައިގެންފައެވެ. އަދި ފައިނު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ އެރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ކުރުމަށް އަންނަ މަހު އެމްޓީސީސީއާ ހަވާލު ކުރާނެ ކަމަށް ވިދާޅުވެފައެވެ. އެ އެއާޕޯޓާއެކު އެ ސަރަހައްދުގެ ރަށްތަކަށް އިގްތިސޯދީ ގޮތުން ފައިދާ ކުރާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ފައިނަށް ދެން ވަޑައިގަންނަވާއިރު އެއާޕޯޓުގެ މަޝްރޫއު ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ދެން ފައިނަށް ވަޑައިގަންނަވާނީ އެއާޕޯޓު ހުޅުވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ