ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް އުފައްދަވާފައިވާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ މަސައްކަތްތައް ކުރިޔަށް ދަނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށާއި އެ ބޭންކުގެ މަސައްކަތްތައް ކުރިޔަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ރައީސް މުއިއްޒު ހުޅުވައިދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އެ ބޭންކުގެ އެއްވެސް ހިދުމަތެއް އަދިވެސް ދޭން ނުފަށާތީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ.

މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ބޭންކުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވިދާޅުވެފައެވެ. އަދި އެ މަސައްކަތްތައް ކުރިޔަށް ދަނީ ތިން ފޭސް އަކަށް ބަހާލައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ފުރަތަމަ ފޭސްގައި އުމްރާނީ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ދެވަނަ ފޭސްގައި ފޭސްގައި އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދަށް ކުރިއެރުން ލިބޭނެ މި މަސައްކަތުގެ ތިންވަނަ ފޭސްގައި ރީޓެއިލް ހިދުމަތްތައް ލިބިގެން ދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އެކުލެވޭ ބޭންކެކެވެ. މި ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީ އަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ބޭންކެކެވެ.

މި ބޭންކްގެ ހިދުމަތް ފެށުމުން، އިގްތިސޯދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ހިދުމަތް ދިވެހިރާއްޖޭގައި ތައާރަފު ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މި ބޭންކް ހުޅުވުމަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީ ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް ސަރުކާރުން ދެކެއެވެ.

ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިން ލައިސަންސް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދިނީ 13 އޮކްޓޫބަރު 2024 ގައެވެ.