ގއ. އަތޮޅު ހޮސްޕިޓަލްގައި އޮތް ބަލި މީހަކަށް އެ ހޮސްޕިޓަލުން އިހާނެތި ގޮތް ހެދި ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.
ދޮށީ އުމުރުގެ ބަލި މީހެއް މާލެއިން އެނބުރި ރަށަށް ގެންދަން އުޅުނު މަގުމަތީގައި އޮކްސިޖަން ލެވެލް ދަށް ވެގެން، ކޫއްޑޫ އެއާޕޯޓުން ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެނެސް އޭނާއަށް ފަރުވާ ދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހުން ފެށިގެން އޭނާ ހޮސްޕިޓަލުގައި ބާއްވާފައި އޮތީ އެންސްޕާ މެދުވެރިކޮށް، އެނބުރި ރަށަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހެންދެކަށެވެ.
ނަމަވެސް އޭނާގެ އާއިލާއާ ހަވާލާދީ ސޯޝަލް މީޑިއާގައި ވަނީ އެ މީހާ އެ ހޮސްޕިޓަލުން "ނެރެލި" ކަމަށް ބުނެ، ވާހަކަތަކެއް ފަތުރާފައެވެ.
އެކަމާ ގުޅިގެން ވިލިނގިލި ހޮސްޕިޓަލުގެ މެނޭޖަރު އަލީ ޝަމީމަށް "ހަތާވީސް" އިން ގުޅާލުމުން ވިދާޅުވީ، ސޯޝަލް މީޑިއާގައި ދެކެވޭ އެ ވާހަކަތަކާ ގުޅޭ މައްސަލަ ހެލްތު މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ.
"ކުރުކޮށް ދަންނަވާ ނަމަ، އެ ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކަމުގައި އެކުލެވޭ ވާހަކަތަކެއް ނޫން،" ޝަމީމް ވިދާޅުވިއެވެ.
ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް "ހަތާވީސް" އަށް ވެސް ވިދާޅުވީ ސޯޝަލް މީޑިއާގައި ވިލިނގިލި ހޮސްޕިޓަލުން ބަލި މީހަކާ މެދު އިހާނެތިކޮށް ކަންތައް ކުރި ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ހަގީގަތެއް އެކަމުގައި އޮތް ވާހަކަތަކެއް ނޫން ކަމަށެވެ.
ހޮސްޕިޓަލުން އެ މީހާ ނެރެލީ ކަމަށް ބުނެ ދެކެވޭ ވާހަކައާ ގުޅޭ ގޮތުން ވިޝާލް މުހައްމަދު ވިދާޅުވީ އެ މީހާ މިދިޔަ އަންގާރަ ދުވަހު ޑިސްޗާޖު ކުރުމުން ވެސް އާއިލާގެ އެދުމުގެ މަތީން އެ މީހާ ހޮސްޕިޓަލުގައި ބޭއްވި ކަމަށެވެ. ހޮސްޕިޓަލުގައި އެ މީހާ ބޭއްވީ އެންސްޕާ ހަމަޖެހެންދެން ކަމަށް ވިޝާލް ވިދާޅުވިއެވެ.
ވިޝާލް ވިދާޅުވީ އެއްވެސް ހަގީގަތެއް ނެތް އެ ވާހަކަތަކުގެ ސަބަބުން ރަށް ބަދުނާމުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ވިލިނގިއްޔަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވެސް ސޯޝަލް މީޑިއާގެ އެ ޕޯސްޓު ޝެއާކޮށްފައިވާ ކަމަށާއި އެހެންކަމުން ހަގީގަތް ނުބަލާ އެފަދަ ކަންކަމުގެ ތެރެއަށް ވިލިނގިލި ރައްޔިތުން ޝާމިލު ނުވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.