ރާއްޖޭގެ ޕަބްލިކް ސާވިސްގެ ހުރިހާ ދާއިރާއެއް ވެސް ޑިޖިޓަލައިޒް ކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ކުރިޔަށް އޮތް ދެތިން އަހަރު ތައުލީމާއި ސިއްހަތުގެ ދާއިރާ ޑިޖިޓަލައިޒް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޑިޖިޓަލްގެ ދާއިރާއިން އެންމެ ބޮޑަށް ދުނިޔޭގައި ކުރިއަރާފައިވާ އެސްޓޯނިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޑިޖިޓަލައިޒް ކުރާ ކަމަށްވާ ނަމަ ތައުލީމާ ސިއްހަތުގެ ދާއިރާ އަކީ މުހިއްމު ދެ ދާއިރާ އަށް ވެގެން ދާނެ ކަމަށެވެ. އެސްޓޯނިއާގައި އެ ދާއިރާތައް ޑިޖިޓަލައިޒް ކޮށްފައި ވަނީ ވަރަށް ފުރިހަމަކޮށް ކަމަށާއި އެހެންކަމުން މި ދަތުރުފުޅުގައި އެކަންކަމުގައި ރާއްޖެއަށް ކާމިޔާބު ހާސިލް ކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުންވަނީ.... މިކަމުގައި [ޑިޖިޓަލް ދާއިރާ] އަޅުގަނޑުގެ ސިޔާސަތު ވަރަށް ސާފު. ރާއްޖޭގެ ޕަބްލިކް ސާވިސް އެއްކޮށް 100 ޕަސެންޓު ޑިޖިޓަލައިޒް ކުރަން. މިގައުމުން [އެސްޓޯނިއާ] އިން އޮތީ އެކަން ހާސިލް ކޮށްފައި. ހުރިހާ ޕަބްލިކް ސާވިސްއެއް ސަރުކާރުން ދޭ ހުރިހާ ހިދުމަތްތަކެއް ހުރިހާ ކަމެއް ހަމަ 100 ޕަސެންޓު ޑިޖިޓަލައިޒް ކުރަން ބޭނުން،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މިހާރު ކަރުދާހުގައި އާކައިވް ކޮށްފައިވާ ތަކެތި ވެސް ޑިޖިޓަލް އާކައިވް އަކަށް ހެދުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ޑިޖިޓަލް ދާއިރާ އިން ރާއްޖޭގެ އިގްތިސޯދު ފުޅާ ކުރުމަކީ ވެސް އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ކަނޑައަޅާފައި އޮންނާނެ 2030 ގެ ކުރިން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިމްޕްރޫވް ކުރަމުން ތަރައްގީ ކުރަމުން ގޮސް އެންމެ މަދުވެގެން 15 ޕަސެންޓް އަޅުގަނޑުމެންގެ ޖީޑީީޕީ އަށް ހިއްސާކުރާނީ ޑިޖިޓަލް އިކޮނޮމީ ކަމަށް،" ރައީސް ވިދާޅުވިއެވެ.
ހަގީގަތަކާއި ދެކޮޅަށް މަސައްކަތް ނުކުރެވޭނެ ކަމަށާއި ދުނިޔެއަށް އަންނަ ތަރައްގީ ދިވެހިން ބަލައިގަންނަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އާޓްފިޝަލް އިންޓަލިޖެންސް ނުވަތަ އޭއައި އަކީ ވެސް މިއަދު ވަރަށް މުހިއްމު އެއްޗެއް ކަމަށާއި އޭއައި މާސްޓަޕްލޭނެއް ހެދި ދިވެހި ގައުމު ތަރައްގީ ކުރުމުގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.