ވައްކަން ކުރަމުން ގޮސް އެންމެ ފަހުން ދިވެހި ރައްޔިތުންގެ ޝަހުސުން ވެސް އަދުގެ ސަރުކާރުން ވައްކަން ކޮށްފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވިއެވެ.
މައްޗަންގޮޅި "ޕީޓްރަލް ޕާކު"ގައި ރޭ އެމްޑީޕީން ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މިއަދު ރާއްޖޭގައި އޮތް ސަރުކާރަކީ ދޮގާއި މަކަރާއި އޮޅުވާލުމުގެ ސަރުކާރެއް ކަމަށެވެ. އެވަރު ނުވެގެން ރައްޔިތުންގެ ފައިސާ އިން ވައްކަން ކުރަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެންމެ ފަހުން މި ސަރުކާރުން ވައްކަންކުރީ ދިވެހި ރައްޔިތުންގެ ޝަހުސުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެމްޑީޕީގައި ތިބި އެތައް މެންބަރުންނަކާއި ވަކި ޕާޓީއެއްގައި ނެތް އެތައް ބޭފުޅުންނެއް އޮޅުވާލައިގެން އެފަރާތްތަކުގެ ޝަހުސް ޑީއެންއާރްގެ ތެރެއިން ވަގަށް ނަގައިގެން ފޯމުތައް ފުރައިގެން ޕީއެންސީ އަށް ވައްދާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި އެއް ފެންވަރަށް ދިވެހިރާއްޖޭގެ އީގަވަނަންސްގެ ނިޒާމު ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒެއް ކަމަށް ވިދާޅުވެ، މިއަދު އެ ނިޒާމާއި މެދު ދިވެހިންގެ މެދުގައި އޮތް އިތުބާރު ސަރުކާރުން ކަނޑާލާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ވާހަކަފުޅުގައި އާސަންދައިގެ ދަށުން ހެޔޮ އަގުގައި ފަސޭހައިން އަވައްޓެރި ގައުމުތަކުން ދިވެހިން ހޯދަމުންދިޔަ ބޭސްފަރުވާ އަށް މިއަދު ދިވެހި ސަލާން ޖަހަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ދާދިފަހުން ނޫސްތަކުގެ ސުރުހީގައި ދުބާއީ އަދި ތައިލޭންޑުން އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖައްސައި އެކަމަށް އެދެން ބޭނުންވާ ފަރާތްތަކަށް ހުޅުވާލިއިރު އެ ދެ ގައުމަށް ބޭސްފަރުވާ އަށް ދާން ބޭނުންވާ ފަރާތްތަކަށް ގަވާއިދެއް ހަދާފައިވާ ކަމަށެވެ. ނަމަވެސް އެ ގަވާއިދުގެ ދަށުން އެއްވެސް މީހަކަށް އެ ދެ ގައުމަށް ބޭސްފަރުވާ ކުރަން ދެވޭނެ ގޮތެއް ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ބައްލަވާ ހިދުމަތް ނުލާހިކު ލުއިކޮށް ލިބެމުން އައި އަވައްޓެރި ގައުމުތައް ހުއްޓާ އެގައުމުތަކުން އާސަންދަ ހުއްޓާލާފައި ރައްޔިތުން މިއަދު ސަލާން ޖަހަން ނެރެފައި އެއޮތީ،" ޝާހިދު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ މިމަހުގެ 31ގައި އެމްޑީޕީން ބާއްވާ މުޒާހަރާ އަށް ހުރިހާ ފަރާތްތަކުން ވެސް ބައިވެރިވުމަށް އިލްތިމާސް ކުރައްވައިފައެވެ. އެމްޑީޕީން ފަށާފައިވާ އެ މަސައްކަތުގައި ދޫ ނުދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.