ކުރީގެ ނައިބު ރައީސް ޖިހާދުގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ގާނޫނަ ހިލާފަށް ކަމަށްވާތީ އެ މައްސަލަ އަނެއްކާވެސް އަލުން ބެލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ 2013 ވަނަ އަހަރު އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލުކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޖިހާދުގެ މައްޗަށް ކުރަނީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެވެ.
އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ދަށު ކޯޓުން މައްސަލަ ބޭރުކޮށްލާފައިވަނީ ގާނޫނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް ކަމެއް ސާފުނުވާ ކަމަށެވެ. އެހެންވެ، އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި އަންގާފައިވެ އެވެ.
އެ މައްސަލާގައި ހައި ކޯޓުން ފުރަތަމަ ނިންމީ ޖިހާދު ދިރިއުޅުއްވާ އެޑްރެސް ނޭނގޭ ކަމަށް ބުނެ މައްސަލަ ބޭރުކޮށްލުމަށެވެ. އަދި ދެވަނަ ފަހަރު މައްސަލަ އަލުން ހުށަހެޅުމުން ނިންމީ އިސްތިއުނާފް މުއްދަތު ހަމަވެފައިވާތީ މައްސަލަ ބަލައިނުގަތުމަށެވެ.
ނަމަވެސް އެ ނިންމުން މުރާޖާ ކުރުމަށްފަހު އެ މައްސަލަ ފަހުން ބަލައިގަތެވެ.
36 ކިލޯގެ ޑުރަގު އެތެރެކުރި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި
ދެ ގައިދީން މަރުވި މައްސަލާގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސް
މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް ހަދަނީ
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި