ދިވެހިން ބޭނުންވާ ތަރައްގީ ގެނެވޭނީ ގައުމުގައި ހަމަޖެހުން ގާއިމްވެފައި އޮވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ގއ އަދި ގދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. މާމެންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގައި ހަމަޖެހުން ގާއިމްވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެކި ދާއިރާތަކުން ރައްޔިތުން ބޭނުންވާ ތަރައްގީ ގެންނަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް އެ ތަރައްގީ އެންމެ ފުރިހަމަ ގޮތުގައި ގެނެވޭނީ ގައުމުގައި ހަމަޖެހުން ގާއިމްވެފައި އޮވެގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ތަރައްގީ އޭގެ ހަގީގީ މާނައިގައި ގެނެވިގެންދާނީ ވެސް ހަމަޖެހުމާ އެކީގައި. ހަގީގީ މާނައިގައޭ މިދެންނެވީ ވަށައި ޖެހިފައިވާ ތަރައްގީއެއް އަޅުގަނޑު ބޭނުންވަނީ ގައުމަށް އަންނަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އުމްރާނީ ހުރިހާ ތަރައްގީއެއް މި ސަރުކާރުން ގެނެސްދޭނެ ކަމަށެވެ. އަދި ނިލަންދޫގައި މިހާރު ހުއްޓިފައިވާ ނަރުދަމާގެ މަޝްރޫއު ވެސް އަލުން ފަށާނެ ކަމަށާއި އަދި އެ މަޝްރޫއު ނިމުމާ އެކު, އެރަށުގެ މަގު ހެދުމުގެ މަޝްރޫއު ފަށާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން މާމެންދޫގެ ސިއްހީ މަރުކަޒުގެ ފެންވަރު ވެސް ރަނގަޅުކޮށް, އެތަނަކީ 24 ގަޑިއިރު ހިދުމަތް ދެވޭނެ ތަނަކަށް ބަދަލު ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.