މިފެށުނު 2025ވަނަ އަހަރަކީ ތަރައްގީގެ މަޝްރޫއުތައް ފެށިގެން ދާނެ އަހަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މީލާދީ އައު އަހަރާ ގުޅިގެން ރައީސް ފޮނުއްވި ހިތާބެއްގައި ވިދާޅުވީ ދިވެހި ދައުލަތަކީ މިއަދު ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއް ކަމަށެވެ.
އެ އަމާޒަށް މަސައްކަތް ކުރަނީ، ވަކި ލަނޑުދަނޑިތަކެއް ހާސިލު ކުރުމަށްޓަކައި ކަމަށާއި، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި، އެއީ ދިވެހި ގައުމިއްޔަތު ދިފާއުކޮށް ކަށަވަރުކުރުމުގެ އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އެ އަމާޒަކީ ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމާއި ބޭސްފަރުވާއާއި އާންމު އަސާސީ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ.
"ދެހާސް ފަންސަވީސް ވަނަ އަހަރު ހިމެނިގެންދާނީ މި ކަންކަމުގެ އަމަލީ މަސައްކަތްތަކުގެ އަހަރުގެ ގޮތުގައެވެ. އެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފެށޭނެއެވެ. ނަތީޖާއަކަށް ވާނީ، އިގްތިސޯދީ ފުދުންތެރިކަން އިއާދަވާން ފެށުމެވެ. މަސައްކަތްތެރީންނަށް ފުރުސަތުތައް ހުޅުވިގެންދިޔުމެވެ. އެއާއެކު، އާންމު ތިޔާގިކަމެއް މުޅި ގައުމަށް ލިބެން ފަށާނެއެވެ،" ރައީސް ވިދާޅުވިއެވެ.
އާ އަހަރަކީ އަބަދުވެސް އަޒުމުތައް ކަނޑައެޅުމުގެ ފުރުސަތުތަކެއް ކަމަށާއި އެގޮތުން ގައުމީ ފެންވަރުގައްޔާއި، ޖަމާއަތުގެ ފެންވަރުގައްޔާއި، ފަރުދީފެންވަރުގައި ވެސް އާ އަހަރުގެ އަޒުމު ކަނޑައެޅިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަޒުމަކީ، ރައްޔިތުންނަށް ހިދުމަތްކުރުމުގައި ރެޔާއި ދުވާލު އިހްލާސްތެރިކަމާއެކު ދެމި އޮތުން ކަމަށާއި ވައުދުތައް ފުއްދުމާއި އިތުބާރު ދެމެހެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކަށް ވާންވާނީ އަބަދު ވެސް ރައްޔިތުންނާ އެންމެ ގާތުގައިވުން ކަމަށާއި މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އާ އަހަރުގައި އަޅުގަނޑުމެންގެ ފަރުދީ އަޒުމަކަށް ވާންވީ، ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރުމެވެ. ސުލްހަ މަސްލަހަތު އިސްކުރުމެވެ. ތަރައްގީ އާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމެވެ. އިހްތިރާމާއި ކުލުނުވެރިކަމެވެ،" ރައީސް ވިދާޅުވިއެވެ.
އެހެންކަމުން، މި ފެށުނު އާ އަހަރަކީ ތަރައްގީގެ އަހަރަކަށް ހެދުމަށް ޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ