ކުރީގެ ސަރުކާރުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އާއި އެ ކުންފުނީގެ ކުރީގެ ސީއެފްއޯ ޔާސިރުގެ އިލެކްޓްރޯނިކް ސާމާނުތައް ހިފަހައްޓައިފިއެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ވަނީ މޫކޭ އަދި ޔާސިރު ދިރިއުޅޭ ގެއަށް ކޯޓު އަމުރަކާއެކު ވަދެފައެވެ.
ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އާރުޑީސީ އާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު ދިރިއުޅޭތަން އަދި ކުރީގެ ސީއެފްއޯ ޔާސިރު އަށް ނިސްބަތްވާ ދެ ތަނެއް، ބަލާ ފާސްކޮށް އިލެކްޓްރޯނިކް އައިޓަމްސް ސީޒްކުރެވިފައިވާ ކަމަށެވެ.
މޫކޭއާ ގުޅުންހުރި ތަންތަން ބަލައިފާސްކުރަން ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އާދަމް މުހައްމަދު ސޮއިކޮށް ރޭ 10:30ގައި ނެރުނު އަމުރުގެ ކޮޕީއެއް މޫކޭ ވަނީ "ހަތާވީސް"އާ ހިއްސާކޮށްފައެވެ.
އަމުރުގައި ބުނެފައިވާ ގޮތުން މޫކޭއާ ގުޅުންހުރި ތަންތަން ބަލައިފާސްކުރަނީ އާރްޑީސީގެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައެވެ. އަދި އެ ތަންތަނަށް ފުލުހުން ވަނުމަށް "ހެއްކާއި ގަރީނާ"ގެ ގޮތުގައި ކޯޓަށް ހުށަހެޅީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެކެވެ. އިންޓެލިޖެންސް އެ ރިޕޯޓުގެ ތަފްސީލެއް ކޯޓު އަމުރުގައިނެތެވެ.
ރޭ މެންދަމު އެކެއް ޖެހިފަހުން ލޮލުޒިޔާރަތް މަގުގައި ހުންނަ ގ. ދިލްކަޝްގެއަށް ފުލުހުން ވަދެ، ބަލައިފާސްކުރީ އޭނާ ދިރިއުޅޭ އަށް ވަނަ ފަންގިފިލާއެވެ. އަދި އާރްޑީސީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން ދިރިއުޅޭ ގެއަށާއި މޫކޭގެ އަނބިކަނބަލުން ފާތިމަތު ޒާޔާ ދިރިއުޅޭގެއަށް ވެސް ފުލުހުން މިރޭ ވަނެއެވެ.
ބަލައިފާސްކުރުމުގެ ކޯޓު އަމުރުގައި ބުނެފައި ވަނީ އާރްޑީސީގެ ޕޭޔަބަލްސް މެނޭޖަރެއްގެ މަގާމު އަދާކުރުން އަންނަ ހުސައިން އަނީފުގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް އާރްޑީސީން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، އެ ފައިސާއިން މުއާމަލާތްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އާރްޑީސީއަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނަށާއި އާރްޑީސީ އާއި ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކަށް ފައިސާ ޖަމާކޮށް، އެ ކުންފުނީގެ ފައިސާއަށް މޫކޭ ހިޔާނާތްތެރިވެފައިވެ، އެ ފައިސާއިން އަމިއްލަ މަންފާ ހޯދާފައިވާ ކަމަށް ކޯޓު އަމުރުގައި ފުލުހުން ތުހުމަތުކޮށްފައިވެއެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މޫކެ އިސްތިއުފާ ދެއްވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމާ އެކުގައެވެ.
މޫކޭއާ ގުޅުން ހުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ 2023 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. މޫކޭއާ ގުޅުންހުރި ތަންތަން ރޭ ފުލުހުން ބަލައިފާސްކުރަން ފެށީ އެ ތަހުގީގަށް ދޮޅު އަހަރެއްހާ ދުވަސްވާން ކައިރިވެފައިވަނިކޮށެވެ.