ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން، ހުޅުމާލެ ދެ ވަނަ ފިޔަވަހިން ހިލޭ ގޯތި ހޯދަން އުޅުނު މައްސަލަ ފެންމަތިވުމާއި ގުޅިގެން މަގާމުން ސަސްޕެންޑު ކުރައްވާފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފަޒުލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޭނާ އިސްތިއުފާ ދެއްވި ސިޓީ އާއްމު ކުރައްވައިފައެވެ. އެ ސިޓީގައި ފަޒުލް ވަނީ އެޗްޑީސީގެ އެމްޑީގެ މަގާމުގައި އޭނާ ހުންނެވި މުއްދަތުގައާ އަދި މިހާރުވެސް އޭނާއަށް އެކި ޕްލެޓްފޯމުތަކުގައި ކުރަމުން ގެންދާ އެކި ތުހުމަތުތަކަށް އިންކާރު ކުރައްވައި ކަމަށް ވިދާޅުވެފައެވެ.
އެ ސިޓީގައި އޭނާ ވިދާޅުވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ފަހުން ނިންމާފައިވާ ހުރިހާ ނިންމުންތަކެއް ނިންމާފައި ވަނީ ވެސް އަދި އެކުންފުނިން ކޮށްފައިވާ ހުރިހާ މުއާމަލާތްތަކެއް ކޮށްފައި ވަނީ ބޯޑުން އެކަމުގެ ނިންމުންތައް ނިންމައިގެން ކަމަށެވެ. އަދި ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކުގެ އިމުގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.
އެޗްޑީސީ އަށް އެންމެ ފުރަތަމަ ތުހުމަތު ކުރެވެން ފެށުނީ ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން، ހުޅުމާލެ ދެ ވަނަ ފިޔަވަހިން ހިލޭ ގޯތި ހޯދަން އުޅުނު މައްސަލަ ފެންމަތިވި ހިސާބުންނެވެ. އެ ގޯތި ލިބިފައި ވަނީ ފަޒުލްގެ ބޭބެ އަދި ފެން ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށެވެ.
އެކަމާއި ގުޅިގެން އެޗްޑީސީގައި މީގެކުރިން ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވާ ލިޔެކިއުންތަކަކީ މައްސަލަތަކެއް އުޅޭތީ ހައުސިން މިނިސްޓްރީން އެޗްޑީސީ އަށް ފޮނުވާފައިވާ ލިޔެކިއުންތަކެއް ކަމަށެވެ. ފަޒުލް ވިދާޅުވީ ހައުސިން މިނިސްޓްރީން ނާންގާ ފަރާތަކަށް އެޗްޑީސީން އެއްވެސް ފަރާތަކަށް އެއްވެސް ބިމެއް ހަވާލު ކޮށްފައި ނުވާނެ ކަމަށެވެ.
އޭނާ ރައީސް މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވެސް ވަނީ ބިންވެރިޔާ ސްކީމާއި ގުޅިގެން އެޗްޑީސީއަށް ކުރެވޭ ތުހުމަތުތަކަކީ އެކުންފުންޏާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އޭނާ އެދެނީ ވެސް އެ ތުހުމަތުތަކުގެ ހަގީގަތް ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް ހާމަ ކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.
"މިކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮންނާކަށް އަޅުގަނޑު ނޭދެމެވެ،" ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ ސަރުކާރުގެ ސިޔާސަތުތައް އެކަމުގެ ސަބަބުން ހުއްޓިފައި އޮންނަން ބޭނުން ނުވާތީ ކަމަށެވެ.
މި މައްސަލައަކީ ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަމުން އަންނަ މައްސަލައެކެވެ. މިކަމާއި ގުޅިގެން ފަޒުލް އާއި އޭނާގެ ބޭބެ ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.
ފަޒުލް މިފަދައިން ވިދާޅުވި ނަމަވެސް އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ޒުހޫރު ވަނީ ފަޒުލް އަށް މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތެއްކޮށް، ރައީސް މުއިއްޒަށް ސިޓީއެއް މީގެކުރިން ވެސް ފޮނުވައިފައެވެ. އެ ސިޓީގައި ފަޒުލްގެ އުޅުއްވީ އަމިއްލަ ބޭނުމަށް ފައިސާ ހޯދަން ކަމަށް ތުހުމަތު ކުރައްވާފައިވެއެވެ.