ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން، ހުޅުމާލެ ދެ ވަނަ ފިޔަވަހިން ހިލޭ ގޯތި ހޯދަން އުޅުނު މައްސަލާގައި ފުލުހުން މިހާރު ކުރަމުން އަންނަ ތަހުގީގުގައި ސުވާލު ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ އަދި ފެންކުންފުނީގެ މިހާރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު، ކުރީ ސަރުކާރުން ހުޅުވާލި "ބިންވެރިޔާ ސްކީމުން" ގޯއްޗަށް ޝަރުތު ހަމަނުވާ މައްސަލާގައި އޭރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނާ ބައްދަލުކުރެއްވި ވާހަކަތައް އަކްރަމް ދޮގު ކުރައްވައިފިއެވެ.

ރޭ އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޝަރީފް ވިދާޅުވީ އެ މައްސަލާގައި ބައެއް ފަރާތްތަކާއެކު ސުވާލުކޮށްފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގުގައި ސުވާލުކުރި އެއް ފަރާތުން ދެއްކި ވާހަކަތައް ވެސް ކޮންމެވެސް ވަރަކަށް ޝަރީފް ނޫސްވެރިންނާއި ހިއްސާ ކުރެއްވިއެވެ.

އެގޮތުން އެމީހާ އަކީ ކުރީ ސަރުކާރުން އިއުލާންކުރި ބިންވެރިޔާ ސްކީމުން ގޯތި ހޯދުމަށް އެދުނު ފަރާތެއް ކަމަށާއި އަދި ގޯއްޗަށް ޝަރުތު ހަމަ ނުވާތީ، އެކަމުގައި ޝަކުވާ ވެސް ހުށަހެޅި ކަމަށް ތަހުގީގުގައި އޭނާއާ ސުވާލުކުރުމުން ބުނި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމީހާ ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އިސްވެރިޔަކާއި ބައްދަލުކޮށް އެކަމުގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފައިވާ ކަމަށް ތަހުގީގުގައި ކިޔައި ދީފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ތަހުގީގަށް އެ ވާހަކަތައް ކިޔައި ދިނީ މި މައްސަލާގައި ހިމެނޭ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ކަމަށެވެ. އަދި ފަޒީލް ބައްދަލުކުރެއްވި އޭރުގެ ހައުސިން މިނިސްޓްރީގެ އިސްވެރިޔަކީ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް އަކްރަމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުވަހަކުވެސް ފަޒީލްއާ ބައްދަލުކޮށްފައި ނުވާނެ ކަމަށާއި އަދި އެއްވެސް ކަމެއްގައި ބައްދަލުކުރަން އެދިފައިވެސް ނުވާނެ ކަމަށެވެ.

"ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ނުވަތަ ގަވާއިދާ ހިލާފަށް ނުވަތަ ނުރަސްމީކޮށް އެއްވެސް ފަރާތަކަށް ކުރީގެ ހައުސިންގ މިނިސްޓްރީން ދޫކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވަމެވެ" އަކްރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެގްރީމަންޓެއް ކަމަށް ދެއްކުމަށްޓަކައި ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓަކާއި މެދު ސުވާލު އުފެދުމުން ވެސް، އެ ޑޮކިއުމަންޓްގެ ސައްހަކަން ކަށަވަރުކުރުމަށް ފޮރެންސިކް ތަހުލީލެއް ވެސް ނުހަދައި، ކުރީ ސަރުކާރުން ދޫކުރި ލިޔުމެއްގެ ގޮތުގައި އެވާހަކަ ދެއްކީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ސަރުކާރުގައި އަޅުގަނޑު އަދާކުރި މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން އަޅުގަނޑަށް ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.