ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން، ހުޅުމާލެ ދެ ވަނަ ފިޔަވަހިން ހިލޭ ގޯތި ހޯދަން އުޅުނު މައްސަލަ ތަހުގީގު ކުރަމުން އަންނާތީ ގިނަ އަދަދެއްގެ ބައެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ފުލުހުން މިދިޔަ ބުދަ ދުވަހު ވަނީ އެ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ފަށާފައިވާ ކަމަށް ބުނެފައެވެ. ފުލުހުން ބުނީ އެ ތަހުގީގުގައި ބަލަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. އަދި ބުނީ އެ ތަހުގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފަށާފައިވާ ތަހުގީގެއް ކަމަށެވެ.

ފުލުހުންގެ އެދުމަކަށް ކްރިމިނަލް ކޯޓުން ވަނީ 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ.

އެ މައްސަލަ ތިލަވެގެން ދިޔައީ ސޯޝަލް މީޑިއާ އިންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސިޓީގައިވާ ގޮތުން ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް ހައުސިން މިނިސްޓްރީގައި ވަނީ އެދިފަ އެވެ. ނަމަވެސް އެއީ އެ ސްކީމުގައި ހިމެނޭ ގޯތިތަކެއް ނޫން ކަން ހައުސިން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

އެކަމާއި ގުޅިގެން އެޗްޑީސީގެ ޗެއާމަން ނާސިފް ފިޔަވާ ބޯޑުގެ 10 މެމްބަރުން ވަނީ ސަސްޕެންޑުކޮށްފައެވެ. އޭގެތެރޭގައި އެޗްޑީސީގެ އެމްޑީ ފަޒުލް ހިމެނެއެވެ.

މި މައްސަލާގައި ވަގު ލިޔުމެއް ހުށަހަޅައިގެން ގޯތި ލިބިފައިވާ ފަރާތަކީ ފަޒުލްގެ ބޭބެ ފަޒީލެވެ. އޭނާ އަކީ ފެންކުންފުނީގެ ޑީއެމްޑީއެވެ. އޭނާ ވެސް ވަނީ މަގާމުން ސަސްޕެންޑު ކުރައްވައިފައެވެ.