ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ޒުހޫރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތެއްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ސިޓީއެއް އާއްމުވެއްޖެއެވެ.

ޒުހޫރު އެ މަގާމަށް އައްޔަން ކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް މިދިޔަ މޭ މަހުގެ ތެރޭގައި އޭނާ މަގާމުން ވަކި ކުރެއްވިއެވެ. މަގާމުން ވަކި ކުރެއްވުމުން ޒުހޫރު ވަނީ ރައީސް މުއިއްޒަށް އެޗްޑީސީގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން ހަތް ސަފްހާގެ ސިޓީއަކުން ހިއްސާ ކުރައްވައިފައެވެ.

އެ ސިޓީއަކީ އިއްޔެ ފެންމަތިވި، ގޯތި ވައްކަން ފަޅާއެރުމުގެ ފަސް މަސް ކުރިން ޒުހޫރު ފޮނުއްވެވި ސިޓީއެކެވެ.

އެ ސިޓީގައި ޒުހޫރު ވަނީ ފަޒުލްއާ ގުޅޭ ގޮތުންނާއި އެޗްޑީސީގައި ކަންކަން ހިނގަމުން އަންނަ ގޮތުގެ ވާހަކަތައް ފަޒުލްއާ ހިއްސާ ކުރުމުން ފަޒުލް އިސް ކުރައްވަނީ ރުޅި ކަމަށް ވިދާޅުވެފައެވެ. އަދި އެ ވާހަކަތައް ހިއްސާ ކުރެއްވުމުން "ތިމަންނާ ކަންކުރަންވީ ގޮތް އެނގޭނީ ތިމަންނަ އަށް ކަމަށް" ފަޒުލް ވިދާޅުވި ކަމަށް ޒުހޫރުގެ ސިޓީގައި ފާހަގަކުރެއްވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓުތައް ވެސް ލިބިފައި ވަނީ، ފައިސާ ދިން މީހުންނަށް ކަމަށް ޒުހޫރު ތުހުމަތު ކުރައްވާފައިވެއެވެ. ޒުހޫރު ވިދާޅުވީ ދިވެހި ވިޔަފާރިވެރިންނާއި ބޭރުގެ އެކިއެކި ވިޔަފާރިވެރިންގެ ވާހަކަތަކުން ހަމައެކަނި އެނގުނު އެއްޗަކީ ފަޒުލްގެ ބޭނުމަކަށް ވީ އަމިއްލަ ބޭނުމަށް ފައިސާ ހޯދުން ކަމަށެވެ.

"އެކި ވަރުވަރުން އެކި ފަރާތްތަކުން ފައިސާ ނަގަމުންދާ ވާހަކަ އަޑުއެހީމެވެ. ވިނަރެސް ފްލެޓު ލިބުނީ ފައިސާ ދޭ ފަރާތްތަކަކަށް ކަމަށް އަޑުއިވުނެވެ. އެކި އަދަދުތަކުން ފައިސާ ނަގައިގެން ބިމާއި ފްލެޓުތައް އެޅުމުގެ ފުރުސަތު ދޭކަން ފާހަގަކުރެވުނެވެ،" ރައީސަށް އެޑްރެސްކޮށް ޒުހޫރު ފޮނުއްވި ސިޓީގައިވެއެވެ.

ބޯޑެއްގެ ދަށުން އެމްޑީ މަސައްކަތް ކުރަން އޮތް ނަމަވެސް އެފަދަ ކަންކަން ބެލޭނެ އިންތިޒާމެއް ބޯޑުގައި ނެތްކަން ވެސް ޒުހޫރު ފާހަގަކުރެއްވިއެވެ. ޒުހޫރު ވަނީ އެޗްޑީސީގެ ބޯޑަށް އޭނާ އައްޔަންކޮށް ވަކި ކުރުމާއި ހަމައަށް އެކުންފުނީގެ މުވައްޒަފުންނާއި އޭނާ ބައްދަލުކުރެއްވޭނެ ގޮތް ހަމަނުޖެހުނު ކަމަށް ވެސް ވިދާޅުވެފައެވެ.

ފަޒުލް އަށް ކުރާ ބޮޑެތި ތުހުމަތުތައް ކުރުކޮށް:

- ފަޒުލްގެ އަނބިކަނބަލުންނަށް ހުޅުމާލެއިން ބިން ގަތުމަށް ފައިސާ ދެއްކުމަށް ފަސް އަހަރު ދުވަހަށް ބަހާލައިގެން ދިނުން

- ހަމަ އެ ބުރުގައި ބިންގަތް އެހެން ފަރާތްތަކުން އެއްފަހަރާ ފައިސާ ނުދެއްކުމުން އެބިންތައް އަތުލުން

- ފަޒުލްގެ އަނބިކަނބަލުންގެ މައްސަލަ މީޑިއާއަށް ތިލަވުމުން އިތުރު ފަސް މީހަކަށް ބިން ދިނުން. މި ފަރާތްތަކަށް ވެސް ކުރިން ބިން ގަތް ފަރާތްތަކަށް ދީފައި ނުވާ ބޮޑެތި ލުއިތަކެއް ދީފައިވުން

- ފަޒުލްގެ މަސްލަހަތު އޮތް ދެ ކުންފުންޏަކަށް ބިން ދިނުމަށް ނިންމުން

ޝައްކު އުފެދޭ ގޮތަށް ފަޒުލް ކޮށްފައިވާ އެހެން ބައެއް ކަންކަން:

- މާލެ ވެސްޓްޕާކުގެ ބަދަލުގައި އާމިރު މަންސޫރަށް ހުޅުމާލެ އިން ތިން ބިމެއް ދިނުން

- ރަސްމާލެ ހިއްކުމުގެ މަސައްކަތްކުރި ސީއެމްސީ އަށް އެތައް މިލިއަން ޑޮލަރެއް ދޫކުރަން ނިންމުން

- ޕާކިން މައްސަލަ ހައްލުނުކޮށް، ކުއްލިއަކަށް ލަކްޝަރީ ހައުސިން ޑިވެލޮޕް ކުރުމަށް އުސޫލެއް ނެތި ނިންމުން

ހަމަނުޖެހޭ ލޯނަށް އެޑްވާންސް ދޫކުރުން

- މާކެޓު އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ހިޔާ ފްލެޓުތަކުގައި ލިފްޓު ހަރު ކުރުމަށް ދިނުން. ލިފްޓު ހަރުކުރަން ދިނީ 18 މިލިއަން ޑޮލަރަށް.

- ލޯނު ހަމަނުޖެހެނީސް އޮޓޯ ސެންޓަރު އެޅުމުގެ ނަމުގައި އެޑްވާންސްގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ދޫކުރުން

"އިވިފައިވާ އަޑުތަކަށް ބަލާއިރު ފަސް ލަގްޒަރީ ހައުސިން އޮޓޯ ސެންޓަރު، ކޮމާޝަލް ސްޕެއިން، 32 ލިފްޓް އަދި ސީއެމްސީ މެދުވެރިކޮށް 15 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށް ވާހަކަ ދެކެވެއެވެ،" ޒުހޫރުގެ ސިޓީގައިވެއެވެ.

ޒުހޫރު ވަނީ އެ ސިޓީގައި އެޗްޑީސީ ފަދަ ކުންފުންޏަކަށް ހަރުދަނާ ރަނގަޅު ބޭފުޅަކު އައްޔަން ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އޭރުން ކުންފުންޏާ މެދު ރައްޔިތުންގެ އިތުބާރު ލިބިގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.