ސައްހަ ނޫން އެއްބަސްވުމެއް ހަދައިގެން، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ހޯދަން އުޅުނުކަން ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް އެންމެ ފުރަތަމަ ގެނައީ އެޗްޑީސީން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ބިންވެރިޔާ ސްކީމުގެ ބޭރުން ހުޅުމާލެ އިން "ވަގަށް" އެޗްޑީސީން ގޯތިތަކެއް ދޫކުރި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސިޓީގައިވާ ގޮތުން ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް ހައުސިން މިނިސްޓްރީގައި ވަނީ އެދިފަ އެވެ. ނަމަވެސް އެއީ އެ ސްކީމުގައި ހިމެނޭ ގޯތިތަކެއް ނޫން ކަން ހައުސިން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
އެ މައްސަލާގައި އެޗްޑީސީ އަށް އާއްމުންގެ ގިނަ ބައެއްގެ ފާޑު ކިޔުންތައް އެޗްޑީސީ އަށް އަމާޒުވެފައި ވަނިކޮށް މިރޭ ފަޒުލް ވަނީ ނޫސްވެރިންނާއި ބައްދަލު ކުރައްވައިފައެވެ.
ފަޒުލް ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވާ ލިޔެކިއުންތަކަކީ މައްސަލަތަކެއް އުޅޭތީ ހައުސިން މިނިސްޓްރީން އެޗްޑީސީ އަށް ފޮނުވާފައިވާ ލިޔެކިއުންތަކެއް ކަމަށެވެ. ފަޒުލް ވިދާޅުވީ ހައުސިން މިނިސްޓްރީން ނާންގާ ފަރާތަކަށް އެޗްޑީސީން އެއްވެސް ފަރާތަކަށް އެއްވެސް ބިމެއް ހަވާލު ކޮށްފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަވެފައި އެބަހުރި އިރެގިއުލިޓީސްތަކެއް. މިކަން ސާފު ކުރުމަށްޓަކައި އަޅުގަނޑުމެން ވާނީ ހައުސިން މިނިސްޓްރީ އަށް ހުށަހަޅާފައި. މިނިސްޓްރީ އޮފް ހައުސިން އިން އެކަން ޔަގީންކޮށްދޭ ލިޔެކިއުންތަކެއް މިއަދު ތިޔަބޭފުޅުންނަށް ސޯޝަލް މީޑިއާގެ ޒަރީއާއިން ފާހަގަވެގެން އަޅުގަނޑުމެން މިކޮޅުން އެޗްޑީސީގެ ފަރާތުން ވަކި ގޮތަކަށް ޕްލޮޓްތަކެއް ވަކި ފަރާތަކަށް ދެނީއޭ ސޯޝަލް މީޑިއާގައި ދައުރުވަމުން މި ގެންދިޔައީ،" ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ އެ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އެކަން އެޗްޑީސީ އަށް އެނގުނު ސަބަބު ސާފު ކޮށްދެއްވަމުން ފަޒުލް ވިދާޅުވީ އެކަން ފާހަގަކުރެވުނީ އެއް ޕްލޮޓަކަށް، ދެ ފަރާތަކުން ހުށަހެޅުމުން ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ހާލަތެއްގައި މިނިސްޓްރީ އޮފް ހައުސިން އިން ނާންގާ ފަރާތަކަށް މިތަނުން ބިމެއް ހަވާލު ކޮށްފައެއް ނުވާނެ،" ޔަގީންކަމާއެކު ފަޒުލް ވިދާޅުވިއެވެ.
އާންމުވެފައިވާ ސިޓީގައިވާ ގޮތުން ގޯތީގައި ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދާއި އަބްދުލްމަޖީދު މާހިރު ކިޔާ މީހެކެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ ސިޓީގައިވާ ގޮތުން އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދުނު ފަރާތްތަކެއް ނޫނެވެ.