ރާއްޖޭގައި މިވަގުތު އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީތަކުގެ ލިސްޓުގެ ދެވަނާގައި އޮތް، މިހާރު ސަރުކާރު ހިންގާ ޕީއެންސީގެ ކޯލިޝަން ޕާޓްނަރު ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ (ޕީޕީއެމް) އުވާލަން އެޕާޓީގެ ސެނެޓުން ނިންމާފައި ވާތީ އެޕާޓީ އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

އިލެކްޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމުގެ މަސައްކަތް އެ ކޮމިޝަނުން ފަށާފައިވާ ކަމަށެވެ.

އެހެންކަމުން، އެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމާއި، ޕާޓީ އުވާލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ކުރެވޭ މުއާމަލާތްތައް ފިޔަވައި އިތުރު އެއްވެސް މުއާމަލާތެއް ކުރުމުގެ އިހްތިޔާރު އެ ޕާޓީއަށް ލިބިގެން ނުވާ ކަމަށް އިލެކްޝަންސް އިން ބުނެއެވެ.

"އަދި ޕާޓީއާ ގުޅިގެން ނިންމަންޖެހޭ އެއްވެސް ކަމެއްވާނަމަ، އުވާލުމުގެ މަރުޙަލާ ނިމުމުގެ ކުރިން އެ ޕާޓީއާ ގުޅިގެން ކުރިއަށް ގެންދެވުން އެދެމެވެ،" އިލެކްޝަންސްގެ އިއުލާނުގައިވެއެވެ.

ޕީޕީއެމް އުވާލުމަށް އެޕާޓީގެ ސެނެޓުން ފާސްކުރީ މިމަހުގެ ދެވަނަ ދުވަހުއެވެ. ޕީޕީއެމް އުވާލަން ނިންމާފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެންބަރުންގެ އިއްތިފާގުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާ ގޮތުގައި ޕީޕީއެމްގައި މިވަގުތު 34،698 މެންބަރުން އެބަ ތިއްބެވެ. އެއީ ދެވަނަ އަށް އެންމެ ގިނަ މެންބަރުން އޮތް ޕާޓީއެވެ.

ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަށް އެޕާޓީ ހެދުމަށެވެ. އެގޮތުން 90،000 މެންބަރުން އެޕާޓީ އަށް އިތުރު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އިލެކްޝަންސްގެ ދަފްތަރުން ދައްކާ ގޮތުގައި މިވަގުތު އެޕާޓީގައި ތިބީ 28،983 މެންބަރުންނެވެ.

ޕީޕީއެމް އަކީ ކުރީގެ ރައީސް މައުމޫން އުފެއްދެވި ޑީއާރްޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކާއެކު އުފެދުނު "ޒެޑް ފެކްޝަން"ގެ ތެރެއިން އުފަންވި ޕާޓީއެކެވެ. ޕާޓީ އުފެއްދިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެޕާޓީ ވަނީ 2013ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފައެވެ. އަދި 2018ވަނަ އަހަރާއި ހަމައަށް އެޕާޓީ ރާއްޖޭގެ ވެރިކަމުގައި އޮތެވެ.

ނަމަވެސް ވެރިކަމުގެ ތެރޭގައި ޕީޕީއެމްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މައުމޫނާއި އޭރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީނާ ދެބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި ޔާމީނަށް ޕީޕީއެމްގެ ކޮންޓްރޯލް ގެއްލިދާނެ ކަމުގެ ބިރަށް ޕީއެންސީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދިއެވެ.

ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަ ކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް ކޯޓުގެ މައްސަލަ ކާމިޔާބުވީ ޔާމީނާ އެއްކޮޅަށެވެ. އެއާއެކު ޕީއެންސީ އަދި ޕީޕީއެމް ވެސް ހިންގަމުން ގެންދިޔައީ އެއްފުރާޅެއްގެ ދަށުން، އެއް ލީޑާޝިޕެއްގެ ދަށުންނެވެ. އެކަމަކު 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެވޭނެ ހާލަތަށް ދިއުމުން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓު އެރުވީ ޕީއެންސީގެ ޓިކެޓުގައެވެ.

ޕީއެންސީ ވެރިކަމަށް އައި ފަހުން ޕީޕީއެމްގެ ހަރަކާތްތައް މަޑު ޖެހުނެވެ. އަދި ޕީޕީއެމްގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް ޔާމީނާއި ދެޕާޓީގެ ލީޑާޝިޕާއި ދެމެދު މައްސަލަ ޖެހި، އެންމެ ފަހުން ޔާމީން ވެސް އެޕާޓީން އިސްތިއުފާ ދެއްވާ އައު ޕާޓީއެއް އުފެއްދެވިއެވެ.