މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަނދައިގެން ދިޔަ ސަރުކާރުގެ ތިން މިނިސްޓްރީ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ހިދުމަތް ދެމުންދާގޮތް ބައްލަވާލައްވައި، އެތަންތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވަވާ ވާހަކަދައްކަވަމުންނެވެ.
މުވައްޒަފުންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ، އަލިފާނުގެ ހާދިސާއާއި ގުޅިގެން ލިބިގެން ދިޔައީ އަގު ނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެ ގެއްލުމުގެ ސަބަބުން މުވައްޒަފުންގެ އަމިއްލަ ތަކެތި ގެއްލި ގޮސްފައިވާކަން ފާހަގަކުރައްވައި އެގެއްލުންތަކުން ކުރިމަތިވާނެ ދަތި އުނދަގޫތައް ތަސައްވަރުކުރަންވެސް އުނދަގޫވާނެ ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް މި ހާލަތުގައިވެސް މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ "ޕޮސިޓިވް އެޓިޓިއުޑް" ކެތްތެރިކަން އަދި މަސައްކަތްތައް އަލުން ފެށުމަށްޓަކައި ދެއްވި އެއްބާރުލުން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވީހާވެސް އާންމު ހާލަތަކަށް އޮފީސް މާހައުލު ހެދުމަށްޓަކައި ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ފާހާނަ އިތުރުކުރުމަށާއި، ކެފެޓީރިއާގެ ހިދުމަތް ދިނުމަށާއި، ދެންވެސް މަދުވާ އިލެކްޓްރޯނިކްސް، ކޮމްޕިއުޓަރު ސިސްޓަމް ފަދަ ތަކެތި ހޯއްދެވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި އަލިފާނުގެ ހާދިސާގައި އިމާރަތް ނެތިދިޔަ ތިން މިނިސްޓްރީ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފުމަށް ނިންމާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ ތަނެއްގައި މިނިސްޓްރީތަކުން ހިދުމަތް ދިނުމަށް ވިސްނަވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލައްވާފައިވާ ޓާސްކް ފޯސްއާއި ބައެއް ކުންފުނިތަކުގެ ވެރިންނާ ބައްދަލުކޮށްލައްވައި މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.