ރާއްޖޭގައި ވޭޕް ކުރުން މަނާ ކުރުމަށް ނިންމީ އެކަމަކީ ރައްޔިތުން ބޭނުންވެފައި ތިބި ކަމަކަށް ވާތީ ކަމަށް ރައީސުޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވަވާ ދަތުރުފުޅުގައި އެ އަތޮޅުގެ މަހިބަދޫ އަށް މިއަދު ވަޑައިގެން، އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވަވާ ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ވޭޕްގެ ވަބާއިން ގައުމު ސަލާމަތް ކުރުމަށް ރައްޔިތުން ތިބީ ބޭނުންވެފައި ކަމަށެވެ.

ވޭޕްގެ ވިޔަފާރި ކުރަމުންދިޔަ ފަރާތްތަކުން އެކަން ކުރަމުން ދިޔައީ ގާނޫނުން އެކަމަށް ތަންދޭތީ ކަމަށާއި އެފަރާތްތަކުގެ ކުށެއް އެކަމުގައި ނެތް ކަމަށެވެ.

"އެހެން ނަމަވެސް، މި ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ވަނީ. އެ ވިޔަފާރި ކުރި މީހުންގެ ކުށެއް ނެތް، އެހެން ނަމަވެސް، ގައުމުގެ ރައްޔިތުން ހާލުގެ ދުލުން އެދެމުން ދިޔައީ މިކަމުން ތިމަންނަމެންގެ ދަރިން ސަލާމަތްކޮށްދޭށޭ،" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ވޭޕް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މިދިޔަ މަހުގެ 15ވަނަ ދުވަހުން ފެށިގެން މަނާވިއިރު ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވެސް މިއަދުން ފެށިގެން ވަނީ މަނާ ވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގެ ރާއްޖޭގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިން ވޭޕް ބޭނުން ކުރާ ކަމަށް ބުނެފައިވެއެވެ.