މިދިޔަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީ ހޯދުމަށް ނިންމައިފިއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމުގައި ބޭރުގެ ޓީމެއްގެ އެހީތެރިކަން ފުލުހުން ހޯދާނެ ކަމަށެވެ.
އެގޮތުން ކުރިޔަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ބޭރުގެ ޓީމު ދިވެހި ފުލުހުންގެ ތަހުގީގު ޓީމާއެކު މަސައްކަތް ކުރެވޭނެ މިންވަރަށް ކަންކަން ކުރިޔަށް ގެންދަވާނެ ކަމަށް ސީޕީ ޝުޖާއު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު މިހާރު ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު އެނަލައިޒު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ފޮރެންސިކް ޓީމުން ވެސް އެތަނުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ސީޕީ ވިދާޅުވިއެވެ.
ހަމައެއާއެކު އަލިފާނުގެ ހާދިސާ ހިނގިތަން އެންމެ ފުރަތަމަ ފެނުނު މީހުންގެ ބަޔާންތައް ނެގުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން އަންނަ ކަމަށް ސީޕީ ޝުޖާއު ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާ އެންމެ ފުރަތަމަ ހިނގީ އަމީނީ މަގުގައި ހުންނަ ހައުސިން މިނިސްޓްރީ އިމާރާތުގައެވެ. އެ އިމާރާތަކީ ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް ހިންގަމުން އަންނަ އިމާރާތެވެ. އަލިފާންގަނޑު ބޯވެ ޖެހިގެން ހުރި އެންވަޔަރަމަންޓް މިނިސްޓްރީ އަށް ވެސް އަލިފާނުގެ އަސަރު ފޯރާ އެ އިމާރާތް ވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.