ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ފައިސާ ދިނުމުގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ މައްޗަށް ތަހުގީގެއް ހިންގައި ދައުވާ ކުރަން ޖެހިއްޖެ ނަމަ، ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްއަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާ ފައިސާގެ ތަފްސީލު ހޯދުމަށް ޖުލައި މަހުގެ ހަތްވަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅިއެވެ. އެ ދުވަހު މަމްދޫހު ހުށަހެޅުއްވި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގުއެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި މަމްދޫހު ވަނީ ސެޓްލްމަންޓް ކޮމެޓީއެއް ކުރީ ސަރުކާރުން ހަދައިގެން، އެކި ފަރާތްތަކަށް ބަދަލު ދިނުމުގެ މައްސަލާގައި ކުރީގެ ރައީސް ސޯލިހާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްޗަށް ތަހުގީގު ހިންގަން އަންގަން ހުށަހަޅައިފައެވެ.
މަމްދޫގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު ޝަރީފެވެ. މާލިއްޔަތު ކޮމެޓީގައި މިއަދު އެ ހުށަހެޅުމަށް ވޯޓަށް އެހިއެވެ. އަދި އެ ހުށަހެޅުން ފާސްވިއެވެ.
މިއަދުގެ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ (ގަޕޯ) ވަނީ ވަކި ބައެއްގެ ނަންތައް ހިމަނައިގެން މައްސަލައެއް ހުށަހެޅުމަކީ ޒާތީވުން ކަމަށާއި މިއީ ސިޔާސީ ކަމެއް ކަމަށް ވިދާޅުވެފައެވެ. މައްސަލަތައް ތަހުގީގު ކުރުމަށް އިދާރާތައް ހެދިފައި އެބަހުރި ކަމަށާއި މާލިއްޔަތު ކޮމެޓީއަށް އެ މައްސަލަ ގެނެސްގެން އުޅެނީ ސިޔާސީ ކަމެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރު ޕީއެންސީގެ މެންބަރުން ވަނީ އެއީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެފަދަ ގޮތަކަށް މިހާތަނަށް އެއްވެސް ސަރުކާރެއްގައި ބަދަލު ދީފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެއީ ބަލަން ޖެހޭ މައްސަލައެއް ކަމަށާއި ވައްކަމެއް ކޮށްފި ނަމަ ކޮންމެ މީހެއްގެ ވެސް މައްސަލަ ބަލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައިވާ "ސެޓްލްމަންޓް ކޮމެޓީ" އެއް ކުރީ ސަރުކާރުން އުފެއްދިއެވެ. ނަމަވެސް އެ ކޮމެޓީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އުވާލައިފައެވެ. ކޮމެޓީން ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ މުދަލާއި ފައިސާ އެކި ފަރާތްތަކަށް ދިނުމަށް ނިންމާފައި އޮތް ކަމަށް ރައީސް އޮފީހުން މީގެކުރިން ހާމަކުރިއެވެ.
ރައީސް އޮފީހުން އޭރު ބުނީ އެ ކޮމިޓީއިން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމާފައި ކަމަށެވެ.
ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި 28 ނޮވެމްބަރު 2022 ން ފެށިގެން އަމަލުކުރަމުން ގެންދަނީ، ގާނޫނީ އޮނިގަނޑެއްނެތި އަދި ގާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުސޫލަކަށް ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާ އަށް ލަފާވެސް ދެއްވައިފައިވާ ކަމަށް ރައީސް އޮފީހުން އޭރު ބުންޏެވެ.