ލޮރެންޒޯ ޕާކް ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އަހުމަދު އަރުހަމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވެ ސަލާމަތްވި މީހުންގެ ޝަރީއަތް 12 އަހަރު ފަހުން ކްރިމިނަލް ކޯޓުން އަނެއްކާވެސް ފަށައިފި އެވެ.
މެއި، 2012 ގައި ލޮރެންޒޯ ޕާކް ތެރޭގައި ހއ. ހޯރުފުށީ ނޫރީގޭ އަރުހަމް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރީ ލ. މާވަށު އެވާބްލޫގޭ މުހައްމަދު ވިސާމާއި އެރަށު އަސަރީގޭ މަންސޫރު ޔޫސުފާއި ގދ. ގައްދޫ ގުންޒަރު، މުހައްމަދު ސުފްޔާންގެ އިތުރުން މއ. ސީނަރީވިއު އާތިފް ރަޝީދުގެ މައްޗަށެވެ. އޭގެ ތެރެއިން ވިސާމްގެ މައްޗަށް ކުށް ސާބިތުވެ، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން 2016 ވަނަ އަހަރު މަރުގެ ހުކުމް އިއްވިޔަސް، ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އޮތީ ހުކުމްކޮށްފަ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ އަހަރު އެންގީ އެ ތިން މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުން އަލުން ހިންގުމަށް އަންގައިފަ އެވެ.
އެ އެންގުމަށް ގާތްގަނޑަކަށް އަހަރެއްވީ ފަހުން މިއަދު ކްރިމިނަލް ކޯޓުގައި މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ ބާއްވައިފަ އެވެ. އެ އަޑުއެހުމުގައި ބައިވެރިވެފައިވަނީ ދައުވާ ލިބޭ އާތިފް ރަޝީދު އެކަންޏެވެ. އަނެއް ދެ މީހުންނަށް އެކި ސަބަބުތަކާ ހުރެ އަޑުއެހުމަށް ހާޒިރެއް ނުވެވުނެވެ.
ކޯޓުން ވަނީ އާތިފް ރަޝީދަށް ވަކީލުން ހަމަޖެއްސުމުގެ ފުރުސަތު ދެއްވައިފަ އެވެ.
ދަރުމަވަންތަ ސްކޫލުގައި ކިޔަވަމުންދިޔަ، އުމުރުން 14 އަހަރުގެ އަރުހަމް މަރާލާފައިވަނީ ލޮރެންޒޯ ޕާކް ތެރޭގައި ދަންވަރު އޭނާ ނިދާފައި އޮއްވާ ގްރޫޕަކުން ގޮސް ހަމަލާ ދީގެންނެވެ. އޭނާގެ ހަށިގަނޑު ފެނުނީ ޖެހިގެން އައި ދުވަހުގެ ހެނދުނު އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި