ގާނޫނު ތަންފީޒު ކުރެވޭ ނަމަ އިދިކޮޅު އެމްޑީޕީގެ ގިނަ މެންބަރުން ތިބޭނީ ޖަލުގައި ކަމަށް ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް ހެދިހެން އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވެސް ހަދަން ޖެހޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މެންބަރުން ބުނަމުން އަންނާތީ އެކަން ކުށްވެރިކޮށް މަޖިލީހަށް ކުއްލި މައްސަލަ އަށް މިއަދުގެ މަޖިލިސް ޖަލްސާގައި ބަހުސް ކުރައްވަމުން ފަލާހް ވިދާޅުވީ އެމްޑީޕީ އަށް ވެރިކަން ލިބުމުން ކަންކަން ކުރި ގޮތާއި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މީގެކުރިން ވެސް އެޕާޓީ އޮތް އިރު ކަންކަން ކުރި ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ.

އެމްޑީޕީ އަކީ ރާއްޖޭގައި ވެރިކަން ކުރެއްވި އެޕާޓީގެ ވެރިޔަކު އަވަހާރަ ކޮށްލުމަށް މަސައްކަތް ކުރި ޕާޓީއެއް ކަމަށް ފަލާހް ތުހުމަތު ކުރެއްވިއެވެ. ފަލާހް އެ ފާހަގަކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދެވުނު ޓެރަރިސްޓު ހަމަލާގެ ވާހަކައެވެ. ރައީސް ނަޝީދަކީ 2008ވަނަ އަހަރުން 2012ވަނަ އަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަހާއި ހަމައަށް ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސެކެވެ. ނަޝީދު އަވަހާރަ ކޮށްލުމަށް ހަމަލާ ދެވިގެން ދިޔައީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ތަހުގީގުތަކުން ވެސް އެކަމުގެ ތުހުމަތު ކުރެވިގެން ދަނީ އެމްޑީޕީގެ އިސްވެރިންގެ އިސްތަށިފުޅުގައި ކަމަށް ފަލާހް ވިދާޅުވިއެވެ. އެމްޑީޕީ އަކީ ނަޝީދުގެ ވެރިކަން 2012ވަނަ އަހަރު ވެއްޓުމުން ޖެހިގެން އައި ފެބްރުއަރީ 8ވަނަ ދުވަހު އެޕާޓީން ރާއްޖޭގެ އެކިއެކި ޕޮލިސް ސްޓޭޝަންތަކާއި ސަރުކާރުގެ އެކި އިމާރާތްތަކުގައި ރޯކޮށް އަންދާލި ޕާޓީއެއް ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.

"ހަގީގަތުގައި ގާނޫނު ތަންފީޒު ކުރެވޭ ނަމަ، އެމްޑީޕީގެ ވަރަށް ގިނަ އާއްމު މެންބަރުން ތިބޭނީ ޖަލުގައި. އެއީ އެބޭފުޅުން ލައްވާ ލީޑާޝިޕުން ވަރަށް ނުބައި..." ފަލާހް ވިދާޅުވިއެވެ.

މަޖިލީހަށް މިއަދު ހުށަހެޅިފައިވާ ކުއްލި މައްސަލަ އަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ފަލާހް ވިދާޅުވިއެވެ. އެހެންކަމުން ކަމާ ގުޅުންހުރި އިދާރާތަކުން މިފަދަ މައްސަލަތައް ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހަށް ކުއްލި މައްސަލައެއް ހަމައެކަނި ހުށަހަޅައިގެން ނިންމާ ނުލެވޭނެ ކަމަށް ފަލާހް ވިދާޅުވިއެވެ. ތަހުގީގު ނުކުރެވޭ ކަމަށްވާ ނަމަ މިފަދަ ކަންކަން ހިނގައި ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.