ރަޝިޔާއާއި ޗައިނާގެ ނުފޫޒުން އާކްޓިކް ސަރަހައްދު ހިމާޔަތްކުރުމަށް ކެނެޑާއިން ސިޔާސަތެއް އެކުލަވާލާއި، އިއުލާންކޮށްފިއެވެ.

37 ސަފްހާގެ މައްޗަށް އެކުލެވޭ ސިޔާސަތުގެ ކަރުދާހުގައި، އާކްޓިކް ސަރަހައްދުގައި ކެނެޑާގެ އަސްކަރީ އަދި ޑިޕްލޮމެޓިކް ހަރަކާތްތައް ހިންގާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަފައިވެއެވެ. އާކްޓިކް ސަރަހައްދަށް ޚާއްސަކޮށްގެން ކެނެޑާއިއިން ސިޔާސަތެއް އެކުލަވާލަން ޖެހުނީ އެ ސަރަހައްދުގައި ރަޝިޔާއާއި ޗައިނާގެ ހަރަކާތްތައް އިތުރުވެ، އުތުރު އެމެރިކާ ސަރަހައްދުގެ ސަލާމަތަށް ނުރައްކާވުމާއި ގުޅިގެން ކަމަށް އެ ގައުމުން ބުނެއެވެ.

އުތުރު އެމެރިކާގެ ވައިގެ ސަރަހައްދު ނިމޭ ހިސާބުގައި، އުތުރު ތަނޑި މަތިން ރަޝިޔާއާއި ޗައިނާގެ ވައިގެ އަސްކަރީ ހަރަކާތްތަކެއްވެސް މިދޭތެރެއިން ހިންގާފައިވެއެވެ. އަދި އެ ސަރަހައްދުގައި ރަޝިޔާއިން ވަނީ ހަތިޔާރު ވެސް ޓެސްޓްކޮށްފައެވެ.

ޗައިނާއިން ގެންދަނީ އެ ސަރަހައްދަށް ރިސަރޗް އުޅަނދުތައްވެސް ފޮނުވަމުންނެވެ. އާ ސިޔާސަތުގެ ދަށުން ކެނެޑާއިން އެލަސްކާގެ އެންކަރޭޖް އަދި ގްރީންލަންޑްގެ ނޫކްގައި ކޮންސިއުލޭޓްތައް ގާއިމްކޮށް، އާކްޓިކް ސަރަހައްދުގެ ކަންކަމާއި ބެހޭ ޚާއްސަ ސަފީރެއް ހަމަޖައްސާނެއެވެ. އަދި ހަމައެއާއެކު ބިއުފޯޓް ކަނޑުގައި ސަރަހައްދީ އިމުގެ މައްސަލައިގައި އެމެރިކާއާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުމާއި، ހާންސް އައިލެންޑްގެ މައްސަލައިގައި ޑެންމާކާ ދެމެދު އުފެދިފައިވާ މައްސަލައަށް ދާއިމީ ހައްލު ހޯދުމަށްވެސް ކެނެޑާއިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އާކްޓިކް ސަރަހައްދާއި ގުޅޭ ކަންކަމުގައި ދެކުނު ކޮރެއާ އަދި ޖަޕާނާއެކު ގުޅިގެން ކުރާ މަސައްކަތްތައް އިތުރު ކުރުމަށް ވެސް ކެނެޑާއިން ވަނީ ނިންމާފައެވެ. އަސްކަރީ ގާބިލްކަން އިތުރުކުރުމަށް އާކްޓިކް ކަނޑުގެ ސަރަހައްދަށް އިތުރު މަނަވަރުތައް ފޮނުވުމާއި، ގަނޑުފެނުގެ ދަށުން ދަތުރުކުރެވޭނެ ސަބްމެރިންތައް އެ ސަރަހައްދު ޕެޓްރޯލްކުރަން ފޮނުވުން ހިމެނެއެވެ.

އާކްޓިކް ސަރަހައްދަކީ އަސްކަރީ ހަރަކާތްތައް ނުހިންގާ ސަރަހައްދަކަށް ހެދުމަށް ކެނެޑާއިން ވަނީ އެތައް އަހަރެއް ވަންދެން މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް މިހާރު އެއީ ނުތަނަވަސްކަމެއް ނެތް ސަރަހައްދެއްގެ ގޮތުގައި ބެލެވެން ނެތްކަމަށް ކެނެޑާގެ ޚާރިޖީ ވަޒީރު މެލަނީ ޖޮލީ ވަނީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ. ކެނެޑާއާއެކު އާކްޓިކްގެ ސަލާމަތަށްޓަކައި މަސައްކަތްކުރަމުންދަނީ އެމެރިކާއާއި، އާކްޓިކް ސަރކަލްގައި ހިމެނޭ ރަޝިޔާ ފިޔަވައި ޔޫރަޕްގެ އެހެން ގައުމުތަކެވެ.