ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދެއްކި އެޕާޓީގެ އެކްޓިވިސްޓަކު ވާހަކަދައްކަމުން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގެ އެންމެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް ހެދިހެން ހަދަން ޖެހޭ ކަމަށް ބުނެ ދެއްކި ވާހަކަ ދިފާއުކޮށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާހަކަދެއްކެވުމުން އޭނާ އަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މިރޭ އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބާއްވަން ނިންމާފައިވާ ޖަލްސާގެ ފަހުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިއްޔެ އެޕާޓީގެ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވަނީ އެފަދަ ވާހަކައެއް މީހަކު ދައްކާފައި ވަނީ ރައީސް މުއިއްޒަށް ނަސޭހަތެއް ދެއްވުމުގެ ގޮތުން ކަމަށް ވިދާޅުވެފައެވެ.

"ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދަންޖެހޭނީ. އެހެން ކޮން ގޮތެއްތޯ ހަދާނީ. އެެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް،" ކުރީގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ދެއްކެވި ވާހަކައަށް އެންމެ ފުރަތަމަ ރައްދު ދެއްވީ އަމީންގެ ކާފަ ދަރިކަނބަލުން ފަރަހަނާޒް ފައިސަލެވެ. އެމްޑީޕީގެ ސަރުކާރުގައި އިނގިރޭސިވިލާތުގައި ހުންނެވި ރާއްޖޭގެ ސަފީރު ފަރަހަނާޒް ވަނީ އިސްލާމީ ޝަރުއީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކު ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ކޮންމެ ގޮތަކަށް ކަމެއް ކުރިޔަސް ބަޔަކު ނިކުމެ މީހަކު މަރާލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވަނީ އެއީ އެމްޑީޕީގެ ސްޓޭންޑުތޯ ސުވާލު ކުރައްވަވައިފައެވެ. އެހެން އެކަން ވެއްޖެ ނަމަ އެއީ ދިރިހުރުމުގެ ހައްގު ހިމެނޭ ގޮތަށް މީހުންގެ އަސާސީ ހައްގުތަކަށް ތެދުވި އެމްޑީޕީއެއް ނޫން ކަމަށް ފަރަހަނާޒް ވިދާޅުވިއެވެ.

މި ސަރުކާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖެއަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުހަނު ފުޅާކޮށް ކަށަވަރުކޮށްދޭ ގައުމެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ހައްގުގެ ބޭނުން ކުރަން ވާނީ ޒިއްމާދާރުކަމާއިއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަކިން ހާއްސަކޮށް ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން އަދި ސިޔާސީ ޕާޓީތަކުގެ ވެރިންނަކީ މިކަންކަމުގައި ނަމޫނާ ދައްކަވަންޖެހޭ ބޭފުޅުން ކަމުގައި އަޅުގަނޑު ދެކެން. ގާނޫންތަކާއި ހިލާފަށް މީހުން މެރުމަށާއި އަނިޔާވެރިވުމަށް ގޮވާލުމަކީ ވަރަށް ޒިއްމާދާރުކަން ކުޑަ އަމަލެއް،" އިހުސާން ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ވިދާޅުވީ ވެރިކަން ކުރާ މީހުންނާއި އަދި އެނޫން މީހަކު ވެސް ތަޅާ، ޗިސްކޮށް، މެރުމަކީ ރާއްޖެ އަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި އެއީ މިސާލަކަށް ނަގައިގެން ދައްކާން ރީތި ވާހަކައެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ.

"ކުރާނޭ ކަމަށް ބުނާން [ދީނީގޮތުންވެސް އަދި ދުނިޔެވަނީ ގޮތުންވެސް] ރަނގަޅު، މޮޅު، ހަމަ ވާހަކައެއްވެސް ނޫން. އެއީ މިރާއްޖެ އަބަދުގެ އަބަދަށް ލަދުގަންނާންޖެހޭ އަނިޔާވެރި، ރަހުމެއް ނެތް އަމަލެއް [ރައީސް އަމީންގެ މަރު] މުޙައްމަދު އަމީން އަވަހާރަކޮށްލީ އޭނާ ކުރެއްވި ނުވަތަ ނުކުރެއްވި ކަމަކަށްވުރެ ބޮޑަށް ސިޔާސީ ގަޑުބަޑެއްގައި، ސިޔާސީ އެދުންވެރިކަމުގައި، ސިޔާސީން ނުކުމެ. ވެދިޔަތަން ނުފިލާ ހުރިކަމާއި ބުއްދިއާ ސަބަބަށްވުރެ ރުޅި ކުރިއަށް ނުކުމެފައި ހުރިކަން ސާފު،" ސައިފް ވިދާޅުވިއެވެ.

މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވެސް ވަނީ ފައްޔާޒުގެ އެ ވާހަކައަށް ފާޑު ވިދާޅުވެފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވެސް ވިދާޅުވީ ލާއިންސާނީ އަނިޔާއިން މިސާލު ނަގައިގެން އަނިޔާއަށް ހިތްވަރު ދިނުމަކީ ގާނޫނު އަސާސީ ދިފާއު ކުރުމެއް ނޫން ކަމަށެވެ.

އޭނާ މިފަދައިން ވިދާޅުވެފައި މިވަނީ މިރޭ އެމްޑީޕީން ބާއްވާ ޖަލްސާ އަކީ "ގާނޫނުއަސާސީގެ ދިފާއު"ގެ ނަމުގައި ބާއްވާ ޖަލްސާއެއް ކަމަށް ވާތީއެވެ.

މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ ފައްޔާޒަށް ފާޑު ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ޓެރަރިޒަމަށް ހިތްވަރުދީ، ލޭއޮހޮރުވަން ގޮވާލުމުގެ ފިނޑި އަމަލު ހިންގި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒުގެ މައްސަލަ ބެލުމަކީ މުއައްސަސާތަކަށް ލާޒިމް ކަމެއް ކަމަށެވެ.

"މިވަރަށް އިންސާނަކު ރުންކުރުވެ ބުއްދި ފަސްވީމާ، ކިހިނެއްތޯ ޒިއްމާދާރު މަސައްކަތެއްކުރާނީ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ސިޓީގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި މިފަދަ މޭރުމަކުން ވާހަކަދެއްކި އެޕާޓީގެ އެކްޓިވިސްޓުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ވެސް ކުރަމުންނެވެ. ނަމަވެސް އަދި އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އެ މައްސަލަ ފުލުހުން ބަލަމުން ދަނީ ރައީސް މުއިއްޒަށް އިންޒާރުދިން މައްސަލައެއްގެ ގޮތުގައެވެ.