މަސްވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުގެ އަތުގައި އޮތް ބާރު ނުވަތަ ކޮންޓްރޯލް މަސްވެރިންގެ އަތްމައްޗަށް އަމިއްލަ ވިޔަފާރިތަކުގެ މައްޗަށް ދޫކޮށްލަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ރަސްދޫ އަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ރަސްދޫގައި މިހާރުވެސް ކަންނެލި މަސްވެރިކަން ކުރާ 12 ވަރަކަށް މަސްދޯނި އެބައޮތް ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅު ވަނީ ރަސްދޫގެ ވެސް މަސްވެރިކަން އިތުރަށް ފުޅާވެގެން ދިއުމަށް ކަމަށާއި އެކަމަށްޓަކައި އިތުރު ދޯނިތައް ބަނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މަސްވެރިކަން ކުރާ ފަރާތްތަކަށް އެންމެ މުހިއްމު އެއް ކަމަކަށް ވެފައި އޮންނަނީ އައިސް ލިބުން ކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވަނީ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓުތައް ގާއިމް ކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައި ވާނެ ކަމަށެވެ.

އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި އައިސް ޕްލާންޓުތައް އިތުރުކުރުމަށް މަސައްކަތްތައް ކުރައްވާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އުޅަނދުތަކުގައި މިހާރު ވެސް އައިސް އުފެއްދުމަށް އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ލޯނު ދޫކުރަމުން ގެންދާ ކަމަށާއި އޭގެ ފައިދާ މަސްވެރިން ހޯދަމުން އަންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރުން ހުރިހާ ކަމެއް ނުގެންގުޅެ، ސަރުކާރުން ހުރިހާ ކަމެއް ކޮންޓްރޯލް ނުގެންގުޅެ، އާންމު މަސްވެރިންނަށް ވިޔަފާރިވެރިންނަށް އެ ބާރު ދޭން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރަސްދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވެސް ރައީސް ވަނީ މިއަހަރުގެ ތެރޭގައި ތަރައްގީގެ މަސައްކަތްތައް ނުހިނގާ އޮތް ސަބަބު ހިއްސާ ކުރައްވަވައިފައެވެ. ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިތަނުން 19ވަނަ މަޖިލީހުގެ ފަހު ދައުރު ހުށަހެޅި ބަޖެޓަކީ ކުރީ ސަރުކާރުގެ ބަޖެޓެއް ކަމަށެވެ. އަދި އޭރު ސަރުކާރަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުން މަދުކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން ތަރައްގީގެ މަސައްކަތްތަކާއި އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަން ފައްޓަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.