ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރިމަތިވި އިންތިހާބުތަކާއި ދިމާކޮށް ގިނަ އަދަދެއްގެ ކުށްވެރިންނަށް މައާފު ދީފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. ތޮއްޑޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ރައީސް ވިދާޅުވީ އުމްރާނީ ގޮތުން ގައުމު ތަރައްގީ ކުރާއިރު، ގައުމަށް ހަމަޖެހުން ގެނައުމަކީ މުހިއްމު ކަމެއް ކަމަށެވެ. ގައުމުގައި ހުންނަ ބޮޑެތި މައްސަލަތައް ހައްލު ކުރުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ގައުމުގައި ހުރި ޒަމާންވީ ބޮޑެތި މައްސަލަތައް ހައްލު ކުރައްވަން މަސައްކަތްޕުޅު ކުރައްވަނީ ސިޔާސީ ވިސްނުމެއްގައި ނޫން ކަމަށެވެ. އެކަން ކުރައްވަނީ ގައުމީ ވިސްނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރައީސް ވަނީ ގައުމަކަށް ހަމަޖެހުން ގެނެސްދިނުމަކީ މުހިއްމު ކަމެއްކަމަށް ވިދާޅުވެފައެވެ. އޭގެތެރެއިން ވެސް މަގުމަތީގެ ހަމަޖެހުން ރައީސްގެ ވާހަކަފުޅުގައި ވަކީން ފާހަގަކުރެއްވިއެވެ.

މީގެކުރން އޮތް ވެރިކަމުގައި ފެނިގެން ދިޔައީ ޖަލުތަކުގައި ތިބޭ ކުށްވެރިން އެއްވެސް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަ ނުކޮށް މަގުތަކަށް ދޫކޮށްލި މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ.

ތޮއްޑޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް މުއިއްޒު ވާހަކަދައްކަވަނީ: ތޮއްޑޫ އަށް ވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ވިދާޅުވި --- ފޮޓޯ | ރައީސް އޮފީސް

"އޭގެ ސަބަބުން ވަރަށް ގިނަ އެކިކަލަ ނުރައްކާތެރިކަން ކަންތައް އަނިޔާވެރި ކަންތައް ހިނގާ ހަމަނުޖެހުން ހިނގާފައިވޭ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

2019އިން 2023އާ ހަމައަށް ކުށްވެރިން ދޫކުރި އަދަދު:

- 2019ވަނަ އަހަރު: 762 ކުށްވެރިން ދޫކޮށްލި (19ވަނަ މަޖިލިސް އިންތިހާބު އޮތް އަހަރު)

- 2021ވަނަ އަހަރު: 458 ކުށްވެރިން ދޫކޮށްލި (ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮތް އަހަރު)

- 2022ވަނަ އަހަރު: 256 ކުށްވެރިން ދޫކޮށްލި

- 2023ވަނަ އަހަރު: 429 ކުށްވެރިން ދޫކޮށްލި (ރިޔާސީ އިންތިހާބު އޮތް އަހަރު)

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ މި ހިނގާ 2024ވަނަ އަހަރަކީ ވެސް ބޮޑު އިންތިހާބެއް ބޭއްވުނު އަހަރެއް ކަމަށެވެ. ރައީސް އެ ފާހަގަކުރެއްވީ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވާހަކައެވެ. ނަމަވެސް ސިޔާސީ ވިސްވުމެއްގައި އިންތިހާބާއި ދިމާކޮށް ކުށްވެރިން މަގުތަކަށް ދޫކޮށްފައި ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނާއި ހަމައަށް މި ސަރުކާރުން މައާފު ދީފައި ވާނީ 86 ކުށްވެރިންނަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ސިޔާސީ ގޮތުން އަމިއްލަ ފައިދާއަށް ކަންކަން ނުކުރައްވާނެ ކަމަށާއި އަބަދުވެސް އިސް ކުރައްވާނީ ރައްޔިތުންގެ ފައިދާ ކަމަށެވެ.