އއ. ތޮއްޑޫގެ ރައްޔިތުން ބޭނުންވާ ގޮތަށް އެރަށުގެ މަގު ހެދުމުގެ މަސައްކަތް އަންނަ އަހަރު ފެށިގެން ދާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އއ. އަދި ކ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ރައީސް ވަޑައިގަތީ އއ. ތޮއްޑޫ އަށެވެ. އެރަށަށް ވަޑައިގެން ރަށުގެ ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއި ރައީސް މުއިއްޒު ބައްދަލުކުރެއްވިއެވެ.
އެއަށްފަހު ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވަވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ތޮއްޑޫގެ މަގުތަކުގެ ހާލަތު ދަށް ކަމަށެވެ. މީގެކުރިން ވެސް އެރަށަށް ވަޑައިގެންނެވިފައި ވާތީ މަގުތަކުގެ ހާލަތު އެމަނިކުފާނަށް ވެސް ވަރަށް ރަނގަޅަށް އެނގިލައްވާ ކަމަށާއި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ މަސައްކަތް ކުރެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ މުހިއްމު ކަންކަމުގެ ތެރޭގައި ހިމެނެނީ ފެނާއި ނަރުދަމާގެ އިތުރުން މަގުތައް ތަރައްގީ ކުރުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ތޮއްޑޫގައި ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ދެން އޮތީ މަގުތައް ތަރައްގީ ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެރަށުގެ ރައްޔިތުން ބޭނުން ވަނީ މަގުތަކުގައި ގައު އަތުރައިގެން މަގުތައް ތަރައްގީ ކުރަން ކަމަށާއި އެހެންކަމުން އަންނަ އަހަރު ރައްޔިތުން ބޭނުންވާ ގޮތަށް މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އެހެންވީމާ ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް މިއަންނަ އަހަރު ވެގެން ދާނީ މިރަށުގެ މަގު ހެދުން ފެށިގެން ދާނެ އަހަރަށް. އެކަމުގެ ޔަގީންކަން އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނަށް ދެން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރަށަކަށް އިގްތިސޯދީ ކުރިއެރުން އައުމުގައި ފެންވަރު ރަނގަޅަށް ހެދިފައިވާ މަގުތަކެއް ހުރުމަކީ، އެތައް ގުނައަކަށް ވިޔަފާރިތަކަށް ކުރިއެރުން ލިބިގެން ދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ތޮއްޑޫގެ ތަރައްގީއަށް ކުރާ ބައެއް އެހެން ކަންކަން:
- ސިއްހީ މަރުކަޒު އިތުރަށް ބޮޑު ކުރެވި، ހިދުމަތްތައް އިތުރު ކުރުން
- އިތުރު ކްލާސް ރޫމްތައް ސްކޫލުގައި އަޅާ، އެއްދަންފަޅިއަށް ބަދަލުކުރުން
- ކުނި މެނޭޖު ކުރުމުގެ މަސައްކަތްތައް ކުރުން
- ޑޮލަރު ނެގޭނެ އޭޓީއެމްއެއް ބެހެއްޓުން